ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރުމުގެ މަޝްވަރާތައް ކުރުމަށް، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް އާއި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވުނު މި ބައްދަލުވުމުގައި، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދާ އެކި މަޝްރޫޢުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. ޚާއްޞަކޮށް، މިވަގުތު ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރުމަށް ދެފަރާތުން އެއްބަސްވެވަޑައިގެންނެވިއެވެ.
ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހާމަކުރެއްވި މަޢުލޫމާތުގައިވާ ގޮތުން، އެހައިތަނަށް ބްރިޖުގެ 46.58 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ މަސައްކަތް ލަސްވަމުންދާ ކަމުގެ ކަންބޮޑުވުން ކުރިން ފާޅުކުރެވުނު ނަމަވެސް، އިންޑިއާ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު މަސައްކަތް އަވަސްވެފައިވާކަން ސަރުކާރުން ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، މި ބައްދަލުވުމުގައި ކުރިމަގުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ އިތުރު މަޝްރޫޢުތައް ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް ދެފަރާތުން އެއްބަސްވެވަޑައިގެންނެވިއެވެ. މި މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް