ސަރުކާރާ ހަވާލުވިއިރު މަސްތުވާތަކެތީގެ ފަރުވާއަށް ހުކުމްކޮށްފައި ތިބި 700 އަށްވުރެ ގިނަ މީހުންގެ އަދަދު މިހާރު 150 އަށް ތިރިކުރެވިފައިވާ ކަމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއަރޕާސަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ލުބްނާ ވިދާޅުވީ، މިހާރު ފަރުވާއަށް ނުވެއްދި ބާކީ ތިބި 100 އެއްހާ މީހުން ފަރުވާގެ ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ކޯޓުން ކޮންމެ ދުވަހަކުވެސް ވަރަށް ގިނަ މީހުންގެ މައްޗަށް ހުކުމް ކުރަމުންދާނެ. ނަމަވެސް އެންޑީއޭގެ ފަރުވާގެ ނިޒާމު ފޯރުކޮށްދޭ ސެންޓަރުތަކުގެ ޖާގަ އެހާ ބޮޑެއް ނޫން. އެހެންނަމަވެސް ހުކުމް ކުރާ ސްޕީޑުގައި އަޅުގަނޑުމެންނަށް މީހުން ފަރުވާއަށް ނުވެއްދުނު ނަމަވެސް ވަރަށް އަވަސް އަވަހަށް ފަރުވާއަށް މީހުން ވެއްދޭތޯ އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން މިދަނީ،" ލުބްނާ ވިދާޅުވިއެވެ.
ފަރުވާއަށް މީހުން ވެއްދުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެންޑީއޭގެ ބޯޑުން ޚާއްޞަ ޓާސްކް ފޯހެއް އުފައްދާފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި މަސައްކަތްތައް ގެންދާނީ މި ޓާސްކް ފޯހުން ކަމަށްވެސް ލުބްނާ ހާމަކުރެއްވިއެވެ.
ރިމާންޑް އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ލުބްނާ ވިދާޅުވީ މިހާތަނަށް 100 އަށްވުރެ ގިނަ މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމުގެ ތެރެއަށް ވައްދާފައިވާ ކަމަށެވެ.
"މިހުރިހާ މީހުންނަކީ މާލޭގެ މަގުތަކުންނާއި ގޭގެއިންނާއި އެހެން ރަށްރަށުން ނަގާފައި ތިބި މީހުން. ކުރިން ގްރޭޓަރ މާލެ އޭރިއާއަށް ފޯކަސް ކުރިނަމަވެސް މިހާރު އަޅުގަނޑުމެން ރާއްޖޭގެ އެހެން ރަށްރަށުގައިވެސް ތިބި މީހުން އެބަ ނަގަން. ރިމާންޑަށް ނެގީމަ އޯވަރޑޯޒްވާ އަދަދު އެބަ މަދުކުރެވޭ،" ލުބްނާ ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ޚާއްޞަ އޮޕަރޭޝަނެއް އެންޑީއޭއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން 2023 ވަނަ އަހަރުގެ އޮކްޓޫބަރު 22 ވަނަ ދުވަހު ފެށިއެވެ. މި އޮޕަރޭޝަންގެ ދަށުން މަގުމަތީގައި ސަލާންޖަހާ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މީހުންނާއި، މަގުމަތީގައި މަސތުގެ ހާލަތުގައި އުޅޭ މީހުންނާއި، މިސްކިތްތަކުގައި ނިދާ މަގުމަތިވެފައިވާ މީހުން ފަރުވާގެ ނިޒާމަށް ގެނެސް، އެ މީހުންނަށް ބޭނުންވާ ފަރުވާ ދެވޭނެއެވެ.
ރާއްޖޭގައި ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރު ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ސެންޓަރުތައް ހުންނަނީ ކ. ހިންމަފުއްޓާއި ހުޅުމާލޭގައި ކަމަށް ލުބްނާ ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ހައްލުކުރަން މަސައްކަތްކުރާ އިޖުތިމާޢީ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެނގެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް