މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން އިސްނަގައިގެން، މިފްކޯ، އެމްއެސްއެސް، މޯލްޑިވިއަން އަދި މަސްވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކާއެކު ޗައިނާއަށް ކަނޑުމަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމުގެ ފުރުސަތުތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިކަމުގެ ދާއިރާއިން އެކްސްޕޯޓް ކުރުމުގެ ފުރުޞަތުތައް އިތުރުކުރުމެވެ.
މި ބައްދަލުވުމުގައި ފާހަގަކުރެވުނު މުހިންމު ކަމެއްގެ ގޮތުގައި، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ކޮންމެ ދަތުރެއްގައި އެއަރ ކާގޯގެ ގޮތުގައި 10 ޓަނުގެ މުދާ އުފުލުމުގެ ޤާބިލުކަން ލިބިގެންދާނެކަން ފާހަގަކުރެވުނެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށް މުދާ އެތެރެކުރުމަށާއި ޗައިނާގެ މާކެޓަށް މުދާ ގެންދިއުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.
މިހާރު މޯލްޑިވިއަނުން ޗައިނާގެ 3 މަންޒިލަކަށް ސީދާ ދަތުރުތައް ކުރަމުންދާއިރު، އިތުރު ބޯޓެއް މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެވެ. އަދި މޯލްޑިވިއަންއިން ބުނެފައިވާ ގޮތުގައި އިތުރު މަންޒިލްތަކަށް ދަތުރުތައް ފުޅާކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މިހާރު ބޭނުންކުރަމުންދާ އެއަރބަސް އޭ330-200 ވޭރިއަންޓްގެ ބޯޓަކީ 264 މީހުންގެ ޖާގައިގެ، ބިޒްނަސް، ޕްރިމިއަމް އަދި އިކޮނޮމީ ކްލާހަށް ބެހިފައިވާ ބޯޓެކެވެ. މި ބޯޓުގެ ޒަރީއާއިން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ޗައިނާގެ މާކެޓަށް ފޯރުކޮށްދިނުމަށް އިތުރު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް