ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކައަށާއި ބޮޑުވަޒީރު ޑޮކްޓަރ ހަރީނީ އަމަރަސޫރިޔާއަށް، ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުތަކުގައި، ސްރީލަންކާއަށް މިނިވަންކަން ހޯދުމުގެ ދަތުރުގައި އެ ޤައުމުގެ ކުރިއެރުމާއި ލާބައަށްޓަކައި ރައްޔިތުން ދެއްކި އަޒުމާއި ސާބިތުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާއި ދެޤައުމުން ހިއްސާކުރާ އެއްގޮތް ސަގާފީ މުޢާމަލާތްތައް އިތުރަށް ފުޅާވަމުންދާކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ދެ ޤައުމުގެ މެދުގައި އޮތް ގުޅުމަކީ އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ، ދެޤައުމު ގަބޫލުކުރާ ހަމަތަކެއްގެ މަތިން އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެއިތުރުން، ގާތް ސަރަހައްދީ ދެ ޤައުމުގެ ހައިސިއްޔަތުން އެއް ޤައުމު އަނެއް ޤައުމަށް ދިމާވާ ގޮންޖެހުންތަކާއި ދެޤައުމަށް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރާކަންވެސް ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމަށް ކުރިމަތިވާ ގޮންޖެހުންތަކުގައި ގުޅިގެން މަސައްކަތް ކުރުމާއެކު އިޖުތިމާއީ، އަދި އިޤްތިޞާދީ ކުރިއެރުމަށް ހުރި ފުރުޞަތުތައް ހޯދުމަށާއި ސަރަޙައްދީ ހަމަޖެހުމަށާއި ސުލްޙައާއި ލާބައަށް ދެ ޤައުމު ގުޅިގެން އެކުގައި މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ވެސް ތަހުނިޔާގެ މެސެޖެއް ޙިއްސާކުރައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް