ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކެންސަރު ބަލި ޖެހުމަށް އެންމެ ބޮޑަށް މެދުވެރިވާ ސަބަބުކަމުގައިވާ ދުންފަތުގެ އިސްތިޢުމާލުން ދުރުހެލިވުމަށް އިލްތިމާސްކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ތިން މައިގަނޑު ލަނޑުދަނޑި ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ކެންސަރު ބަލިން ރައްކާތެރިކަން ކަށަވަރުކުރުމާއި، ދުރާލާ ބަލި ދެނެގަނެ އަވަސް ފަރުވާ ޔަޤީންކުރުމާއި، އަދި ހަމަހަމަކަމާއެކު އެންމެންނަށް ފަރުވާ ލިބޭކަން ކަށަވަރުކުރުން ހިމެނެއެވެ.
ދުންފަތުގެ ނުރައްކާތެރިކަމުން ރައްޔިތުން ސަލާމަތްކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މީގެ ތެރޭގައި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރުމާއި އުފެއްދުން މަނާކުރުމާއި، ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުން ފަދަ މުހިންމު ފިޔަވަޅުތައް ހިމެނެއެވެ.
ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އިތުރުވަމުންދާ ވޭޕް ބޭނުންކުރުމުގެ މައްސަލައަށް ރިޢާޔަތްކޮށް، ސަރުކާރުން ވަނީ ވޭޕް ބޭނުންކުރުންވެސް މަނާކުރައްވާފައެވެ. މިއީ ދުންފަތުގެ ވަބާއިން ޒުވާން ޖީލު ސަލާމަތްކުރުމަށް އެޅުއްވި އެންމެ ފަހުގެ ފިޔަވަޅެވެ.
ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ކަމަށްވާތީ، މި ނުރައްކާތެރި އާދައިން ދުރުހެލިވެ، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް