ފުލުހުންގެ ފްލެޓް މަޝްރޫޢުގައި ހިނގާފައިވާ ކޮރަޕްޝަންގެ ޢަމަލުތަކާ ގުޅޭ ތަޙުޤީޤެއްގެ ދަށުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް ވަދެއްޖެއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި،މި މަޝްރޫޢުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާގެ ގެއްލުން ވަނީ ވެފައެވެ. ބްލޫސް ހައުސިން ޕްރޮޖެކްޓް މަޝްރޫއަށް ޖުމްލަ 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ އަކަފޫޓަކަށް ޖުމްލަ 1851 ރުފިޔާގެ ރޭޓުން، ހަަރަދުކޮށްފައިވީ ނަމަވެސް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ޓެންޑާ އިވެލުއޭޝަން ބޯޑުން ހޯދި މައުލޫމާތުތަކާއި އަމިއްލަ ފަރާތްތަކުގެ ކޮންސްޓްރަކްޝަން މަސައްކަތްތަކުގެ އަގުތަކަށް ބަލާ އިރު، މިފަދަ ކޮންސްޓްރަކްޝަން މަސައްކަތުގެ އެވަރެޖު އަގަކީ އަކަފޫޓަކަށް 1300 އާއި 1500 ރުފިޔާ ކަމަށް ވެސް ރިޕޯޓްގައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މަޝްރޫޢުގެ ޚަރަދު އިތުރުވެފައިވަނީ ޕޮލްކޯގެ ނާޤާބިލުކަމާއި، ކޮންޓްރެކްޓަރުންނަށް ފައިދާވާގޮތަށް އެއްބަސްވުމަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުންނެވެ. އަދި މި މަޝްރޫޢުގައި ފްރޯޑާއި ކޮރަޕްޝަންގެ ޢަމަލުތަކަށް ޝައްކުކުރެވޭ ކަންތައްތަކެއް ހިނގާފައިވާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން، ކުރީގެ ސަރުކާރުން ޕޮލްކޯއަށް ދޫކޮށްފައިވާ 700 މިލިއަން ރުފިޔާގެ ލޯނުތަކުގެ އެއްވެސް ތަފްސީލެއް ނެތްކަން ފާހަގަކުރެވިފައިވާއިރު، މި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ނިންމާފައެވެ.
ޕޮލްކޯގައި ބޮޑެތި މަޝްރޫޢުތައް ހިންގުމުގެ ފަންނީ ޤާބިލުކަން ނެތްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާއިރު، މަޝްރޫޢުގެ ޚަރަދު ދެގުނަ އިތުރުވެފައިވުމަކީ މި ކުންފުނީގެ ނާޤާބިލުކަން ސާބިތުކޮށްދޭ ކަމެއްގެ ގޮތުގައި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް