ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެއްގޮތަށް، އަންނަ ބުދަ ދުވަހުގެ ކުރިން ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް މާރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހަނދާންކޮށްދީފިއެވެ.
އެމްއެމްއޭއިން ނެރުނު ނޫސްބަޔާނުގައި ބުނީ، ބޭރު ފައިސާއާ ބެހޭ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ކޮންމެ މީލާދީ މަހެއްގައި ބޭރު ފައިސާއިން ލިބޭ އާމްދަނީން ބައެއް، އެ މަހެއް ނިމި ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން މާރުކުރަންޖެހޭ ކަމަށެވެ. އަދި ސުންގަޑި ހަމަވާއިރު މި އިލްތިޒާމް ފުރިހަމަނުކުރާ ފަރާތްތަކުގެ ނަންތައް ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އާންމުކޮށް ހާމަކުރަމުންދާނެ ކަމަށްވެސް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
މިދިޔަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި އިސްލާހާއެކު، ރިސޯޓުތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ކޮންމެ މަހަކު ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. މީގެކުރިން ރިސޯޓުތަކުން މާރުކުރަންޖެހެނީ އާމްދަނީގެ 10 އިންސައްތައެވެ. ނަމަވެސް، ގެސްޓްހައުސްތަކުން ބޭރު ފައިސާ މާރުކުރަންޖެހޭ މިންވަރަށް ބަދަލެއް އައިސްފައެއް ނުވެއެވެ. އެފަރާތްތަކުން އަދިވެސް މާރުކުރަންޖެހެނީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތައެވެ.





