ސުޕްރީމް ކޯޓުގެ ހުކުމާ ގުޅިގެން ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއްވި ގޮތުގައި، ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވާތީ، އެ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ވޯޓުލުން އޮންނާނީ 2026 ޖޫން 6 ވާ ހޮނިހިރު ދުވަހުއެވެ. މި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
މި ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހެނދުނު 10:00 އިން ފެށިގެން އޭޕްރިލް 29 ވާ ބުދަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ދެމިގެންދާނެއެވެ. ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު candidacy@elections.gov.mv މެދުވެރިކޮށް އީމެއިލް ކުރެއްވޭނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާ (ޕޯޓް ކޮމްޕްލެކްސް، 5 ވަނަ ފަންގިފިލާ) އަށް ހާޒިރުވެގެން ވެސް ފޯމު ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށެވެ.
ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ.





