ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އަލީ އާރިފް ވަކިވެވަޑައިގަތީ އަމިއްލަ އިސްނެންގެވުމަށް ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ސާފެއް ނުވެއެވެ. އޭނާގެ އިތުރުން ދައުލަތުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން ވެސް މި ފަހަކަށް އައިސް ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވައިފައެވެ.
މިގޮތުން، މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަރުހަތު ޝަހީރާއި، އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން އިއްޔެ ވަނީ މަގާމުން ވަކިވެވަޑައިގެންފައެވެ. އަދި އޭގެ ކުރީ ހަފުތާގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވެސް ވަނީ އިސްތިއުފާ ހުށަހަޅުއްވައިފައެވެ.
ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ފަހު ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސް މަގާމުތަކަށް ބަދަލުތަކެއް އައިސްފައިވާއިރު، ބައެއް ބޭފުޅުން ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި އެގްރޯނެޓްގެ އެމްޑީ ހުސެން ދީދީ އާއި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ހިމެނެއެވެ.





