ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޚާއްޞަ ގޮނޑިއެއް ގައުމީ މަޖިލީހުން ކަނޑައެޅުމަށާއި، ޕާޓީ ހިންގުމުގައި އިރުޝާދުދޭނެ ހަ މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އުފެއްދުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ނިންމައިފިއެވެ.
މިރޭ ބޭއްވި ސިއްރު ބައްދަލުވުމުގައި މިގޮތަށް ނިންމާފައިވަނީ، ޕާޓީއަށް ދާއިމީ ޗެއާޕާސަނަކު އިންތިޚާބުކުރެވެންދެން، ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) އަށް ޕާޓީ ހިންގުމުގައި ލަފަޔާއި އިރުޝާދު ދިނުމަށެވެ.
އަލަށް އެކުލަވައިލި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ:
- ކުރީގެ ރައީސް މުހައްމަދު ނަޝީދު
- ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް
- ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު
- ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ
- ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް
- ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް
މި ނިންމުންތައް ނިންމާފައިވަނީ ވަގުތީ ޗެއާޕާސަން ހުށަހެޅުއްވި ގަރާރެއްގެ މައްޗަށް ބިނާކޮށެވެ. މި ގަރާރަށް ތާއީދުކުރެއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދެވެ.
ވަރަށް އަވަސްކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި އެއްވެސް ބަހުސަކާ ނުލައި، 10 މިނެޓުގެ ތެރޭގައި މި ގަރާރު ވަނީ ފާސްކޮށްފައެވެ. މި ބަދަލާއެކު އެމްޑީޕީގެ އެތެރޭގެ ހިންގުމުގެ އޮނިގަނޑަށް މުހިންމު ބަދަލުތަކެއް އަންނާނެ ކަމަށް ފާހަގަކުރެވެއެވެ.




