މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ދ.މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރި ދެ ކެންޑިޑޭޓެއްގެ ވޯޓު އެއްވަރުވެފައި ވަނިކޮށް، ވޯޓު ފޮއްޓެއް އަލުން ގުނުމުން، އެ ގޮނޑި އެމްޑީއޭއަށް ލިބިއްޖެ އެވެ.
ފައިނަލް ނަތީޖާ ދައްޖާ ގޮތުން އެންމެ ވޯޓެއްގެ ފަރަގުން އެ ގޮނޑި ކާމިޔާބު ކުރީ އެމްޑީއޭގެ ޓިކެޓްގައި ނުކުތް ކެންޑިޑޭޓެވެ.
އިންތިޚާބާ ގުޅޭ ޝަކުވާތައް ބެލުމަށް ޚާއްސަކޮށްފައިވާ ބިއުރޯއިން މި ފޮށި އަލުން ގުނަން އެންގީ، ފޮށީގެ ނަތީޖާ އެއްވަރުވެފައިވާކަމަށް ބުނެ އެމްޑީއޭއިން ހުށަހެޅި މައްސަލަ ބެލުމަށްފަހުގައެވެ.
އެ ވޯޓު ފޮށި އަލުން ގުނުމަށްފަހު އިއުލާން ކުރި ނަތީޖާގައިވާ ގޮތުން، އެމްޑީއޭގެ ފަރާތުން ވާދަކުރެއްވި މުޙައްމަދު ޝާހިދަށް ލިބުނީ، 127 ވޯޓެވެ. އަދި، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 114 ވޯޓު ލިބުނު އިރު އަމިއްލަ ގޮތުން ނުކުންނެވި އިބްރާހީމް ނަސީމަށް 36 ވޯޓު ލިބިވަޑައިގެންފައިވެއެވެ. މީގެ އިތުރުން 17 ވޯޓެއް ވަނީ ބާތިލުވެފައެވެ.
އެއާއެކު ހުރިހާ ވޯޓު ފޮށްޓެއްގެ ނަތީޖާ އެއްކޮށްލުމުން، އެމްޑީއޭގެ ޝާހިދަށް 392 ވޯޓު ލިބުނުއިރު، ޕީއެންސީ ޓިކެޓުގައި ވާދަކުރެއްވި ސުހާއަށް 391 ވޯޓު ވަނީ ލިބިފައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓަށް ލިބިފައިވަނީ ޖުމްލަ 100 ވޯޓެވެ.





