އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.
ހޮނިހިރު ދުވަހު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ހޮރްމުޒް ކަނޑުއޮޅި އެއްކޮށް ހުޅުވާނުލައިފިނަމަ، އީރާނުގެ އިންޖީނުގެތައް އެއްކޮށް ސުންނާފަތިކޮށްލާނެ ކަމަށެވެ.
މި އިންޒާރަކީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތައް އިންތިހާއަށް އިތުރުވެގެން ދިޔަ ކަމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި އިންޒާރު ދެއްވުމުގެ އެއް ދުވަސް ކުރިން ޓްރަމްޕް ވަނީ ހަނގުރާމަ "ނިންމާލުމާ" ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ޓްރަމްޕްގެ ބަޔާނުގައި ވިދާޅުވީ، އެއްވެސް ބިރުދެއްކުމެއް ނެތި އީރާނުން ހޮރްމުޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާނުލައިފިނަމަ، އެމެރިކާއިން އެ ގައުމުގެ އިންޖީނުގެތަކަށް ހަމަލާދީ ބަނގުރޫޓުކޮށްލާނެ ކަމަށެވެ. އަދި މި ހަމަލާތައް ފަށާނީ އީރާނުގެ އެންމެ ބޮޑު އިންޖީނުގެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭންފެށި ހަމަލާތަކަށްފަހު، މި ހަނގުރާމައަށް މިހާރު ހަތަރު ހަފުތާ ވެފައިވާއިރު، މައިގަނޑު މައްސަލައަކަށް ވެފައިވަނީ ދުނިޔޭގެ ތެލާއި ގޭސް އުފުލާ މުހިންމު މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމެވެ.
އީރާނުގެ ގޭސް ފީލްޑަކަށް އިސްރާއީލުން ދިން ހަމަލާގެ ބަދަލުހިފުމުގެ ގޮތުން، ދުނިޔޭގެ އެލް.އެން.ޖީ (LNG) ގެ ފަސްބައިކުޅަ އެއްބައި ބަލަހައްޓާ ގަތަރުގެ ރަސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަށް އީރާނުން ހަމަލާދިނުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
އެ ތަނަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމަށް އަހަރުތަކެއް ނަގާފާނެ ކަމަށް ބެލެވޭތީ، ހަކަތައިގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރުވެރިކަން ވަނީ ބޮޑުވެފައެވެ.
ޓްރަމްޕްގެ މި އިންޒާރު އަމާޒުކޮށްފައިވަނީ އީރާނުގެ މުހިންމު އިންޖީނުގެތަކަށެވެ. އޭގެ ތެރޭގައި ތެހެރާން ކައިރީގައިވާ ދަމަވަންދު އިންޖީނުގެއާއި، ކަރްމާން އިންޖީނުގެއާއި، ހޫޒިސްތާންގައި ހުންނަ ރާމިން އިންޖީނުގޭގެ އިތުރުން ބޫޝެހްރު ނިއުކްލިއާ ޕަވަރ ޕްލާންޓް ހިމެނެއެވެ.
މި މަހުގެ ކުރީކޮޅު ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ ކަރަންޓުގެ ނިޒާމު އެއްގަޑިއިރު ތެރޭގައި ސުންނާފަތިކޮށްލެވިދާނެ ކަމަށާއި، ނަމަވެސް އެ ނިޒާމު އަލުން ބިނާކުރަން 25 އަހަރު ނަގާނެ ކަމަށެވެ. އަދި އޭނާ ބޭނުންވަނީ އެފަދަ ފިޔަވަޅެއް އެޅުމަކާ ނުލައި މައްސަލަ ހައްލުކުރަން ކަމަށްވެސް އޭރު ވިދާޅުވެފައިވެއެވެ.




