ގިރާވަރުފަޅުގެ ބިންހިއްކުމުގެ މަސައްކަތް ނިންމައި، ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު 'އެކްސް' މެދުވެރިކުރައްވައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު މިހާރު ގޮސްފައިވާ މިންވަރު ހާމަކޮށްދޭ ފޮޓޯއެއް ވަނީ އާންމުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކޮންމެ ދުވަހަކުވެސް ދަނީ ކުރިއަށެވެ.
"މާތްﷲގެ އިރާދަފުޅާއެކު އޭޕްރިލް މަހުގެ ނިޔަލަށް ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ. އަދި ސާވޭގެ މަސައްކަތްތައް ނިންމުމަށްފަހު، ޖޫން މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަރުހަލާ ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.
މެދުކެނޑުމަކަށްފަހު ގިރާވަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް އަލުން ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޭގެ ކުރިން އެ ސަރަހައްދުން 54 ހެކްޓަރުގެ ބިން ވަނީ ހިއްކާ ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހުގެ 14 ވަނަ ދުވަހު ވިދާޅުވި ގޮތުގައި، ދެ ޑްރެޖަރު ބޭނުންކޮށްގެން ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ވަރަށް ހަލުވި ދުވެއްޔެއްގައެވެ.
ކުރީގެ ސަރުކާރުގެ 'ބިންވެރިޔާ' ސްކީމުގެ ދަށުން ގިރާވަރުފަޅުން ފުރަތަމަ ދޫކުރުމަށް ކަނޑައެޅީ 2،000 ގޯއްޗެވެ. ނަމަވެސް، އެ ސަރަހައްދުން އެކަށީގެންވާ އަދަދަކަށް ގޯތި ނުނެގޭތީ، ބާކީ ހުރި ގޯތިތައް ގުޅިފަޅުން ދޫކުރުމަށް ސަރުކާރުން ނިންމަވައި، ގޯތި ބަދަލުކުރުމުގެ ފުރުސަތު 7 އޭޕްރިލް 2024 ގައި ހުޅުވާލިއެވެ.
މި ފުރުސަތުގައި ގުޅިފަޅަށް ގޯތި ބަދަލުކުރުމަށް 2،210 ފަރާތަކުން އެދިފައިވާއިރު، އެ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. މީގެ އިތުރުން، މިދިޔަ ނޮވެންބަރު 25 ގައި ރައީސް ވިދާޅުވެފައިވަނީ، އެ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި ގިރާވަރުފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިންމާލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.




