އީރާނުގެ ސައުތު ޕާސް ގޭސް ފީލްޑާ ގުޅިފައިވާ ހަކަތަ އުފައްދާ މަރުކަޒުތަކަށް އިޒްރޭލުން ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލި، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަން އެ މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު އަދި ކުވައިތުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާތަކަށް އީރާނުން ދިން ހަމަލާތައް ވެސް ދިވެހިރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ. މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އިތުރު ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
"ތެޔޮ ރައްކާކުރާ މަރުކަޒުތަކާއި، ފެން އުފައްދާ ކާރުޚާނާތަކުގެ އިތުރުން އެއާޕޯޓްތައް ފަދަ އާންމު ހިދުމަތްތަކާ ގުޅުންހުރި މުހިންމު ބިނާތައް ހިމާޔަތްކުރުމުގެ މުހިންމުކަން މި ހާދިސާތަކުން ހާމަވޭ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ސަރަހައްދީ އަމަންއަމާންކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށްޓަކައި، މިހާރުން މިހާރަށް ހަނގުރާމަ ހުއްޓާލުމަށް ދިވެހި ސަރުކާރުން ވަނީ އަނެއްކާވެސް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފައެވެ.




