ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ޤާނޫނުއަސާސީއަށް މިދިޔަ ޖަނަވަރީ މަހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވަންޖެހޭ އިންތިޚާބުތައް ބާއްވަން ޖެހޭނީ އެކުއެވެ. އަދި ބިލާއެކު މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު އިސްލާޙު ކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ބިލުގައިވާ ގޮތުން މަޖިލީހުގެ އިންތިޚާބު ކުރިއަށް އޮތްތަނުގައި ބާއްވާނީ، ޤާނޫނު އަސާސީގެ 110ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަކު ހޮވުމަށް ބާއްވާ އިންތިޚާބާ އެކުގައެވެ. އަދި މަޖިލީހުގެ އުމުރަކީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ކަމަށާއި، އެ މުއްދަތު ހަމަވުމުން މަޖިލިސް އުވޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވެގެން މަޖިލިސް އުވުމާއެކު އަލަށް އިންތިޚާބު ކުރާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ވާނީ، ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ދެން އެންމެ އަވަހަށް މެންބަރުން ހޮވުމަށް އިންތިޚާބެއް ބާއްވަން ވާނީ، އިސްލާޙުތަކާ އެއްގޮތަށް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މީގެ އިތުރުން މި ހިނގާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު 1 ޑިސެންބަރ 2028 އަށް ހަމަވާނެ ކަމަށާއި، އެ ތާރީޚަށް އިންތިޚާބު ބާއްވައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭނެ ކަމަށްވެސް ޤާނޫނު އަސާސީއަށް ގެންނަ އިސްލާޙުގައި ވަނީ ބަޔާންކޮށްފައެވެ. މިއާއެކު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރު ވެގެންދާނެއެވެ. މިހާރު ޤާނޫނު އަސާސީގައިވާ ގޮތުން 20 ވަނަ މަޖިލީހުގެ އުމުރު ހަމަވާނީ 2029 ވަނަ އަހަރުގައެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙު ހުށަހެޅުއްވި މިބިލުގެ ބަހުސް މަރުހަލާގައި ގިނަ މެމްބަރުންވަނީ މިބިލަށް ތާޢީދުކޮށް ވާހަކަދައްކާފައެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންވަނީ މިބިލާ ދެކޮޅަށް ތަޅުމުގައި އަޑުއުފުލާފައެވެ. އަދި މަޖިލިސް ތަޅުމުގައި އަޑުގަދަކުރަން ފެށުމުން ރިޔާސަތުންވަނީ ބައެއް މެމްބަރުންގެ ނަން އިއްވާ ތަޅުމުން ބޭރުކޮށްފައެވެ.
މިބިލު މަޖިލީހުން ފާސްކޮށްފައިވަނީ 72 މެންބަރުންގެ ވޯޓުންނެވެ.
މި ބިލު މަޖިލީހުން ފާސްކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރައްވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހުއެވެ. މި ވޯޓު ވަކިން ނަގާނަމަ ބޮޑު ޚަރަދެެއް ކުރަންޖެހޭތީ އަންނަ އޭޕްރިލް މަހުގެ 4ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބާއެކު ފެންނަ ނުފެންނަ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލަފާ ދީފައެވެ. މި ވޯޓު ނެގޭނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އެ ކޮމިޝަނަށް ވޯޓު ނެގުމަށް އެންގުމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް


