ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން ވިޔަފާރިކޮށް، އެ މުދަލަށް ފައިސާ ދިން ކަމަށް ދެއްކުމުގެ ގޮތުން ސައްހަ ނޫން ލިޔުން އުފައްދައި ހުށަހެޅި މައްސަލާގައި ހަސަން ޝިފާއު 109 އަހަރަށް ޖަލަށް ލުމާއެކު، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.
ކިންގްޑަމް އޮފް ފުރުޓްސް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކެއްގެ މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހެދި މައްސަލާގައި 23 ދައުވާއެއް ކޮށްފައިވެ އެވެ.
އެ ހުރިހާ ދައުވާތަކެއް ވެސް އޭނާގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. އަަދަބު ކަނޑައެޅުމަށް މިއަދު ބޭއްވި ޝަރީއަތުގައި އޭނާގެ މައްޗަށް އިއްވީ، ޖުމްލަ 109 އަހަރާއި 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމަކާ އެކު، ހަތް މިލިއަން ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ. އެއީ:
- ސައްހަ ނޫން ލިއުމެއް ދިނުމުގެ 9 ދައުވާއަށް 9 އަހަރާއި 10 މަހާއި 26 ދުވަސް
- މަކަރާއި ހީލަތް ހެދުމުގެ 7 ދައުވާއަށް 30 އަހަރު
- މަނީލޯންޑަރިންގެ 7 ދައުވާއަށް 70 އަހަރުގެ ޖަލު ހުކުމަކާ އެކު 7 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް
މީގެ އިތުރުން މި މައްސަލާގައި ގެއްލުން ލިބުނު ކުންފުނިތަކަށް ބަދަލު ނަގައިދިނުމަށް ވެސް ހުކުމްކޮށްފައިވެ އެވެ. އަދި ޖޫރިމަނާގެ ފައިސާ މިއަދުން ފެށިގެން އަހަރު ދުވަސް ތެރޭ ދައްކާ ނިންމުމަށް ވެސް އެންގި އެވެ.
ޝިފާއުއަށް ކުރި ދައުވާތަކަކީ:
- އެއީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ
- މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ
- މަނީ ލޯންޑަރިންގެ ހަތް ދައުވާ
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




