އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ގާނޫނު އަސާސީއަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ، އަތޮޅު ކައުންސިލް ވުޖޫދުކުރަން، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައިވާ ބާރު އުނިކުރަން ހުށަހަޅުއްވައިފަ އެވެ.
އަދި އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ ވެސް އުނިކުރަން ޝުޖާއު ހުށަހެޅުއްވި އެވެ.
މީގެއިތުރުން، ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަންޖެހޭނީ މި އިސްލާހުތަކާ އެއްގޮތަށް ކަމަށް ވެސް ކަނޑައަޅަން ޝުޖާއު ވަނީ ހުށަހަޅުއްވައިފަ އެވެ.
ހަމަ އެހެންމެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށްވެސް "އަތޮޅު ކައުންސިލް"، މި ލަފުޒު އުނިކުރުމަށް ހުށަހެޅުމުގެ އިތުރުން، މުޅި އަތޮޅު ކައުންސިލްގެ ބާބު އުނިކުރުމަށާއި، އަތޮޅު ކައުންސިލްތަކުގެ ބަދަލުގައި ރަށު ކައުންސިލްތަކުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ރިޕޯޓުކުރަން ޖެހޭ ގޮތް ހެދުމަށާއި، 2،000 މީހުންނަށްވުރެ އާބާދީ މަދު ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ތިނަކަށް މަދުކުރަން ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، މި ގާނޫނު އިސްލާހުކޮށްފިނަމަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ތިބޭނީ އިންތިޚާބުކުރާ ކައުންސިލަރުންގެ އަދަދަށެވެ. އެއީ 2،000 އަށް ވުރެ މަތީ އާބާދީއަކުން ފަސް ކައުންސިލަރުން އިންތިޚާބުކުރާ ނަމަ އެ އަދަދަށެވެ. އަދި އެ ކޮމިޓީތަކުގެ ރައީސުން ހޮވަންޖެހޭނީ އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުން ކަމަށް ވެސް އެ އިސްލާހުގައިވެއެވެ.
ފާހަގަކުރެވޭ ގޮތުގައި ސަރުކާރުން މީގެ ކުރިން ވަނީ އަތޮޅު ކައުންސިލްތައް އުވާލަން އިސްލާހު ހުށަހަޅާނެކަން ހާމަކޮށްފައެވެ. އެގޮތުން މިދިޔަ އޮގަސްޓް މަހުގެ 19ވަނަ ދުވަހު އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އަތޮޅު ކައުންސިލަރުންގެ މަގާމުތަކަކީ ބޭނުމެއް އޮތް މަގާމުތަކެއް ނޫން ކަމަށް ވިދާޅުވެ، އެ ކައުންސިލްތައް އުވާލަން ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ސެޕްޓެމްބަރު މަހު ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އަތޮޅު ކައުންސިލްތަކަކީ މިހާރު އޮތްގޮތުން ލާމަރުކަޒީ ނިޒާމަށް ލެވިފައިވާ އިތުރު "ލޭޔަރެއް" ކަމަށާއި، ސަރުކާރުގެ ވިސްނުމަކީ މިހާރު އަތޮޅު ކައުންސިލްތައް އެކުލަވާލާފައި އޮތްގޮތް ބަދަލު ކުރުން ކަމަށެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން އާބާދީއަށް ބަލައި, ރަށްރަށުގެ ކައުންސިލްތަކުގެ ސައިޒް ކުޑަކުރައްވާނެ ކަމަށް ވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް




