ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓުތަކުން ޕަވަ ބޭންކް ގެންދިޔަސް، ބޯޓު ތެރޭގައި ނުވަތަ ދަތުރުމަތީގައި ޕަވަ ބޭންކް ބޭނުންކުރުން މަނާކޮށްފިއެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށާއި އެ އެއާލައިނަކީ ބައިނަލްއަގުވާމީ ވައިގެދަތުރުފަތުރުގެ މިންގަނޑުތަކާ އެއްގޮތަށް މި ކަހަލަ އުސޫލެއް ތައާރަފުކުރި ރާއްޖޭގެ ފުރަތަމަ އެއާލައިން ކަމަށެވެ.
އަދި މި އާ އުސޫލުގެ ދަށުން އެ އެއާލައިންގެ ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން ދެ ޕަވަ ބޭންކް ކަމަށާއި ޕަވަ ބޭންކުގެ ކެޕޭސިޓީ 100 ވޮޓް-އަވާއަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށާއި، ޕަވަ ބޭންކް ގެންދިޔަސް، ބޯޓު ތެރޭގައި ނުވަތަ ދަތުރުމަތީގައި ޕަވަ ބޭންކް ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
މޯލްޑިވިއަނުން ފާހަގަކުރި ގޮތުގައި މި އައު އުސޫލާއެކު، މޯލްޑިވިއަންގެ ބޯޓަށް އެރުމަށް ފަހު ޕަވަ ބޭންކް އޮންނަން ވާނީ ފަސިންޖަރުގެ އަތުގައި ނުވަތަ ސީޓުގެ ޖީބުގައި ނުވަތަ ސީޓުގެ ދަށުގައިކަމަށާއި، ޕަވަ ބޭންކް ލަގެޖަށް ދޫކޮށްލުމާއި ބޯޓުގެ އޯވަ-ހެޑް ކެބިންއަށް ލުން މަނާވާނެކަމަށެވެ.
އަދި ބޯޓު ތެރޭގައި ޕަބަ ބޭންކް ބޭނުންކޮށްގެން އެހެން ޑިވައިސްތައް ޗާޖުކުރުމާއި ޕަވަ ބޭންކް ރީ-ޗާޖުކުރުން ވެސް މަނާވާނެކަމަށާއި، ޕަވަ ބޭންކުގެ ކަރަންޓު ކޮޅު ހާމައަށް ނުވަތަ ކަރަންޓު މައްސަލައެއް ދިމަވެދާނެ ގޮތަކަށް ބާއްވައިގެން ނުވާނެކަމަށެވެ. މިއާއެކު، ދަތުރުކުރާއިރު ގެންދާ ޕަވަ ބޭންކް ވާންޖެހޭނީ އދ. ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތޭ އެއްޗަކަށްކަމަށްވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.
މި އުސޫލަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް