ދެ ސައިކަލާއި ކާރެއް ޖެހި އެކްސިޑެންޓު ވުމުން މަޑުނުކޮށް ފިލައިގެންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މ. މަޑުއްވަރި / ކޮކްނެޓްވިލާ، އާދަމް ޒަޔާން މުޙައްމަދު (26އ) އެވެ. މީނާއަކީ އެކްސިޑެންޓުވި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވި މީހާއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ، މި ޖޫން މަހުގެ 23 ވަނަ ދުވަހުގެ ހަވީރު، ހުޅުމާލެ ރީތިގަސް މަގާއި ކަށިމާ ހިނގުން ގުޅޭ ހިސާބުގައެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ، އެކްސިޑެންޓުގައި ހިމެނޭ އަނެއް ސައިކަލު ދުއްވި މީހާއަށެވެ. އެއީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި އެ މީހާއަށް ދަނީ ފަރުވާދެމުންނެވެ. އެ މީހާގެފައި ތިން ތަނަކުން ބިންދައިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.
އެކްސިޑެންޓުގައި ހިމެނޭ ތިން އުޅަނދު ދުއްވި މީހުންނަކީ ވެސް އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހުންނެވެ.
މި މައްސަލައާ ގުޅިގެން ޖޫން 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އާދަމް ޒަޔާން މުޙައްމަދު (26އ) ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް