މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުން ޓެކްސްގެ ބުރަ އުފުލަން ނުޖެހޭގޮތަށް ކަންކަން އިންތިޒާމްކުރުމަށް މަސައްކަތްކުރަމުންދާކަމަށް މަތީ ތަޢުލީމާ މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
އެގޮތުން މެލޭޝިއާގެ ސޭލްސް އެންޑް ޓެކްސްގެ ޤާނޫނަށް ގެނައި ބަދަލުގައި ވަނީ މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން %6 ގެ ޓެކުހެއް ނެގުމަށް ނިންމާފައެވެ. އަދި 1 ޖުލައިން ފެށިގެން މިކަމަށް ޢަމަލުކުރަން ފެށުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ.
މި ނިންމުމާއެކު މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުން ޓެކްސް ދައްކާގޮތަށް ގެނައި ބަދަލާ ގުޅޭ މަޢުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ސާފުކުރަމުންދާކަމަށާއި، އެކަމުގައި ދިވެހި ދަރިވަރުންނަށް ބުރަ އުފުލަން ނުޖެހޭގޮތަށް ސަރުކާރުން ކަންކަން ހަމަޖައްސަވާނެކަށާއި މެލޭޝިއާ ސަރުކާރުން މި ނިންމުން އިޢުލާނުކޮށް ތަންފީޒުކުރުމާ ދެމެދު ދީފައިވަނީ ހަފްތާއެއްހާ ދުވަހުގެ މުއްދަތެއްކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
އެހެންނަމަވެސް އަދި މިކަން މެލޭޝިއާގެ ސަރުކާރުން ރަސްމީކޮށް އަންގާފައި ނެތްކަމަށާއި އެހެންކަމުން ކުރިއާލާ އެކަމުގައި ފިޔަވަޅެއް އެޅުމަށް، އެކަމާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް އަދި އެކަށީގެންވާ ވަގުތު ލިބިފައި ނުވާކަމަށާއި ނަމަވެސް މިކަން ސަރުކާރުގެ ސަމާލުކަމަށް އައިސް، މިހާރު މިކަން ގާތުން ބަލަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
މެލޭޝިއާގެ ސަރުކާރުގެ މި ނިންމުމާއެކު ޓެކްސް ނެގުމަށް ނިންމާފައިވަނީ މެލޭޝިއާގައި ޕްރައިވެޓް އެޑިއުކޭޝަން ސިސްޓަމުގައި ކިޔަވާ ހުރިހާ ބޭރު ދަރުވަރުންގެ އަތުންކަމަށްވާއިރު، މީގެތެރޭގައި ޕްރީސްކޫލް، ސްކޫލް، ކޮލެޖު، ޔުނިވަރސީޓީތައް އަދި ލެންގްއޭޖް ސެންޓަރުތަކުގައި ކިޔަވާ ބޭރުގެ ދަރިވަރުންވެސް ހިމެނެއެވެ. މި ޓެކްސް ނަގާނީ ޓިއުޝަން ފީގެ ގޮތުގައި އަހަރަކު 60،000 މެލޭޝިއަން ރިންގިޓް ޚަރަދުކުރާ ދަރިވަރުންގެ އަތުންނެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވަހި ދަރިވަރުން ތަޢުލީމު ހާސިލުކުރާ ޤައުމަކަށްވުމާއެކު، މިކަމުގައި އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރަމުންދާކަމަށާއި، މިކަން ދަރިވަރުންނަށް ބުރައަކަށް ނުވާނެހެން ކަންކަން ހަމަޖަސަވާނެކަމަށެވެ. އަދި ސަރުކާރުގެ ސްކޮލަރޝިޕާއި ލޯނުގައި ކިޔަވާ ދަރިވަރުންގެ އިތުރުން، އަމިއްލަ ގޮތުން ކިޔަވަންގޮސް ތިބި ދަރިވަރުންނަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް