ގއ. ކަނޑުހުޅުދޫގެ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިސް އޮފިޝަލުންނާއި ޓެކްނިކަލް ޓީމުން އެ ރަށު ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެފަރާތުންވެސް ވަނީ އެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްސާކޮށް، ކުރިއަށް ދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކޮށްފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ޙަސަން ރަޝީދުއާއި ޑެޕިއުޓީ މިނިސްޓަރ ޢަލީ ސަލީމް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބޭފުޅުން ވަނީ ކަނޑުހުޅުދޫގެ ތަރައްޤީއަށް ހިންގުމަށް ހަމަޖެހިފައިވާ މި ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ދިމާވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވުމާއި، މަސައްކަތްތައް ހަލުއިކޮށް ކުރިއަށް ގެންދެވޭނެ ގޮތްތަކާބެހޭގޮތުން ކައުންސިލާއި މަޝްވަރާކުރައްވާފައެވެ.
ގއ. ކަނޑުހުޅުދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް މިނިސްޓްރީން ދެއްވާ ސަމާލުކަމަށް ޝުކުރު އަދާކޮށް، މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބިކަން ފާހަގަކުރައްވާފައެވެ.
މިއީ ކަނޑުހުޅުދޫގެ ތަރައްޤީއަށް އެންމެ މުހިންމު ދެ މަޝްރޫޢު ކަމަށްވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތްތައް ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް ފުރިހަމަކޮށް، ރަށު ކައުންސިލާއި ދެމެދު ގުޅުން ބަދަހިކުރުމަށް ބޭއްވުނު ބައްދަލުވުމެއްކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންއިން ބުނެފައިވެއެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް