އިސްލާމީ ހަމަތަކުގެ ތެރޭގައި ޢީދު ފާހަގަކޮށް ޢީދުގެ އުފަލުގައި ބައިވެރިވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ގޮވާލައިފިއެވެ.
މިއަދު އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އަޟްހާ ޢީދަކީ ދިވެހި ގައުމަށާއި މުޅި އިސްލާމީ އުންމަތަށް އަންނަ ވަރަށް މަތިވެރި، އެހައިމެ އުފާވެރި މުނާސަބަތެއްކަމަށާއި ދިވެހީންނަކީ ޒަމާނުއްސުރެ، ވަރަށް ކުލަގަދަ ގޮތެއްގައި އަޟްހާ ޢީދު ފާހަގަކުރަމުންދާ ބައެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިވެހިންގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ ދިވެހިންގެ އިޖްތިމާޢީ ގުޅުން ބަދަހިވާކަމަށާއި މިއިން ދިވެހިންގެ ސަޤާފަތާއި އާދަކާދަ ދައްކުވައިދޭކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، އިސްލާމީ ހަމަތަކުގެ ތެރޭގައި ޢީދު ފާހަގަކުރުމާއި ދިވެހި ކުދި ބޮޑު އެންމެން، ޢީދުގެ އުފަލުގައި ބައިވެރިވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި އިސްލާމީ އުސޫލުތަކާއި ހުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން ހުރިހާ ރަށްރަށެއްގައިވެސް ޢީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުހީބުދޭކަމެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މި އަހަރުގެ ޢީދުވެސް އިސްލާމީ ތަރަހައިގެ ތެރޭގައި، އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާގޮތުގެ މަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން ޢަމަލުކުރުމަށާއި ޢީދު ފާހަގަކުރުމުގެ ކަންކަން ރާއްޖޭގެ ސިޓީތަކާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ކުރިއަށްގެންދަނީ ސަރުކާރުން ކަނޑައަޅާފައިވާ މިންގަނޑުތަކުގެތެރޭގައިކަން ކަށަވަރުކުރުމަށް ދައުލަތުގެ ގުޅުންހުރި ހުރިހާ މުއައްސަސާތަކަށް އެ ވުޒާރާއިން ވަނީ ދަންނަވާފައެވެ.
ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް