ކެރެޓުގެ އަގު އުފުލުނީ ސަޕްލައި މައްސަލައަކުން، އެ މައްސަލަ ހައްލުކުރެވިއްޖެ: މިނިސްޓަރު ސަޢީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަމަށާއި، އެ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކެރެޓު ކިލޯއެއްގެ އަގު ބޮޑުވި ސަބަބު ބަޔާންކޮށްދިނުމަށް މީޑިއާއަކުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ކަންހިނގި ގޮތް ބެލިބެލުމުން، އަގު އުފުލުނީ ސަޕްލައި ކުރުމުގެ މައްސަލައެއް ދިމާވެގެންކަން އެނގުނު ކަމަށާއި، ބާޒާރަށް ކެރެޓުގެ ދަތިކަން ކުރިމަތިވި އިރުވެސް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކަމުން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަޕްލައި މައްސަލަ ދިމާވި ކުންފުނިތަކުގެ މުދާވެސް މިހާރު ކްލިއަރ ކުރެވިފައިވާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ތަނުގައި އަގު ބޮޑުކޮށް ނުވިއްކާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ބާޒާރަށް އިތުރަށް ކެރެޓު ނެރުމަށްޓަކައި، އެސްޓީއޯއިން އިތުރު ކެރެޓް ކޮންޓެއިނަރުތައް ކްލިއަރ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ސަޢީދު ވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް