މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ދައުލަތަށް ލިބުނު އާމްދަނީ 6 އިންސައްތަ އިތުރުވެ، އޮކްޓޫބަރު މަހު ދައުލަތުން ކުރި ޖުމްލަ ޚަރަދު 5.9 އިންސައްތަ ދަށްވެފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވުޒާރާއިން ނެރުނު މަންތްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖެނުއަރީން އޮކްޓޫބަރުގެ ނިޔަލަށް ސަރުކާރަށް 35 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 32 ބިލިއަން ރުފިޔާއެވެ.
ޚަރަދުތަކަށް ބަލާއިރު، އޮކްޓޫބަރު މަހު ރިކަރަންޓް ޚަރަދުގެ ގޮތުގައި ތިން ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ހޭދަވި 3.1 ބިލިއަން ރުފިޔާއަށްވުރެ 3 އިންސައްތަ މަދު އަދަދެކެވެ. މީގެ ތެރެއިން އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 1.6 ބިލިއަން ރުފިޔާ ހޭދަވެފައިވެއެވެ.
އޮކްޓޫބަރު މަހު ކެޕިޓަލް ޚަރަދަށް 542 މިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މިދިޔަ އަހަރުގެ މި މަހު މި އަދަދު ހުރީ 677 މިލިއަން ރުފިޔާގައެވެ.





