ބާޒާރުގައި އަގު އުފުލިފައިވާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކެރެޓުގެ އާ ސްޓޮކެއް މި ހަފުތާގެ ތެރޭގައި ލިބޭނެ ކަމަށާއި، އަސާސީ ކާބޯތަކެތީގެ ޝޯޓޭޖެއް ނެތް ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބުނެފިއެވެ.
އެސްޓީއޯގެ އޮފިޝަލަކު ބުނީ، މި ހަފުތާގެ ތެރޭގައި ކެރެޓުގެ އާ ސްޓޮކް ލިބޭނެ ކަމަށާއި، މިހާރަށް ވާވަރަށް ސްޓޮކް އެބަހުރި ކަމަށެވެ. އެ ކުންފުނިން ވިއްކާ އަސާސީ ކާބޯތަކެތީގެ އަގަށް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވެސް ވަނީ އެސްޓީއޯގެ ފިހާރަތަކުގައި އަސާސީ ބާވަތްތައް ވިއްކަމުންދާ އަގުތައް އާންމުކޮށްފައެވެ. އެގޮތުން، އެސްޓީއޯގައި ކެރެޓު ކިލޯއެއްގެ އަގު 40 ރުފިޔާގައި ހުރިއިރު، ލޮނުމެދު ކިލޯއެއް ވިއްކަނީ 50 ރުފިޔާއަށެވެ. އަދި ފިޔާ ކިލޯއެއް 15 ރުފިޔާއަށާއި އަލުވި ކިލޯއެއް 12 ރުފިޔާއަށް ވިއްކަމުންދެއެވެ.
މީގެ އިތުރުން، އެސްޓީއޯއިން ކުކުޅު ބިހެއް ވިއްކަނީ 2 ރުފިޔާއަށް ކަމަށާއި، ބިސް ކޭހެއްގެ އަގަކީ 415 ރުފިޔާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ވުޒާރާގެ "އަގުމަގު" ޕޯޓަލުގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ ކުރީކޮޅު ބައެއް ފިހާރަތަކުން 25 ރުފިޔާއަށް ވިއްކި ކެރެޓު ކިލޯއެއްގެ އަގު މިހާރު ވަނީ 50 ރުފިޔާއާއި 120 ރުފިޔާއާ ދެމެދަށް އުފުލިފައެވެ. އަދި ބައެއް ފިހާރަތަކުން ކުކުޅު ބިހެއް މިހާރު ވިއްކަނީ 3 ރުފިޔާއަށެވެ.
މިކަމާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ރައްޔިތުންނަށް ދަތިކަމެއް ނެތި ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މެދުނުކެނޑި މަސައްކަތްކުރަމުންދާ ކަމަށް އެސްޓީއޯއިން ފާހަގަކޮށްފައިވެއެވެ.





