ތ. ތިމަރަފުށްޓާއި ލ. ފޮނަދޫގައި ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް، ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށް ފުރުޞަތު ދީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ބީލަމަށް ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިޢުލާނުގައިވާ ގޮތުން، ތިމަރަފުށީގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ދޫކުރަނީ 26،480.67 އަކަމީޓަރުގެ ބިމެކެވެ. މި ބިން ދޫކުރާނީ 50 އަހަރުގެ މުއްދަތަށް ކުއްޔަށެވެ.
ބީލަން ކާމިޔާބުކުރާ ފަރާތަށް ހޮޓާ ޢިމާރާތްކޮށް ހިންގަން ފެށުމަށް ދެ އަހަރުގެ މުއްދަތު ލިބޭނެއެވެ. މި މަޝްރޫޢުގެ ލީސް އެކުއިޒިޝަން ކޮސްޓަކީ 100،000 ޑޮލަރު ކަމަށްވާއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި ރާއްޖޭގެ ބޭންކެއްގައި 25،000 ޑޮލަރު ބަހައްޓަން ޖެހޭނެއެވެ.
މީގެ އިތުރުން، ފޮނަދޫގައި ޓޫރިސްޓް ހޮޓާ ތަރައްޤީކުރުމަށް ތިން ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ 32،129 އަކަފޫޓު، 33،801 އަކަފޫޓު އަދި 26،736 އަކަފޫޓުގެ ބިންތަކެވެ.
ދެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު ދިނުމަށް ޕްރީބިޑް ބައްދަލުވުންތައް ބާއްވާނީ ޑިސެމްބަރު 1 އަދި ޑިސެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖަނަވަރީ 7 ވަނަ ދުވަހުގެ ހެނދުނު 09:00 އެވެ.





