ބިދޭސީންނާ ގުޅޭ ފީއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 565 މިލިއަން ރުފިޔާ ނުލިބި އެބަހުރި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ފީއާއި ޖޫރިމަނާގެ ތެރެއިން، ނުދައްކާ 565 މިލިއަން ރުފިޔާ އަދިވެސް ހުރިކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ސަރުކާރުގެ ތިން އަހަރުގެ ކާމިޔާބީތަކާ ގުޅޭގޮތުން ވުޒާރާއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، 17 ނޮވެންބަރު 2023 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ބިދޭސީންނާ ގުޅޭ ފީއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރީ 1.7 ބިލިއަން ރުފިޔާއެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ފިޔަވަޅުތަކެއް އަޅައި، އެ އަދަދު 565 މިލިއަން ރުފިޔާއަށް ތިރިކުރެވިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ.

ސަރުކާރުން މި ފައިސާ ހޯދުމުގެ ހާއްސަ މަސައްކަތް ފެށީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެގޮތުން، ގަވާއިދުން ފީ ނުދައްކާ ފަރާތްތަކަށާއި ޖޫރިމަނާ ނުދައްކާ ފަރާތްތަކަށް "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައިވާ ކުންފުނިތަކާއި ވަޒީފާދޭ ފަރާތްތަކަށް އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސައިދީފައިވެއެވެ.

31 އޮގަސްޓް 2026 ގެ ނިޔަލަށް 13,987 ފަރާތެއް ސިސްޓަމުން ސަސްޕެންޑްކޮށްފައިވާ ކަމަށާއި، ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކަށް، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50,000 ރުފިޔާއިން ޖޫރިމަނާކުރަން ފަށާފައިވާއިރު، މިހާތަނަށް އެފަދަ 265 މައްސަލައެއްގައި ޖޫރިމަނާކޮށްފައިވާ ކަމަށް ވެސް ވުޒާރާއިން ބުނެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް މި ސަރުކާރުން ފެށި "އޮޕަރޭޝަން ކުރަނގި" ގެ ތެރެއިން، ބިދޭސީ އާބާދީގެ ތެރެއިން ވަނަވަރު ފުރިހަމައަށް ދެނެގަނެވިފައިނުވާ މީހުންގެ ނިސްބަތް އެއް އިންސައްތައިގައި ހިފެހެއްޓިފައިވާ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ވެސް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް