ރަސްމާލެއަށް 700 މިލިއަން ޑޮލަރު ޚަރަދުވާ ވާހަކަ ދައްކަނީ ބިރުވެރިކަން އުފައްދަން: މިނިސްޓަރު މުއްޠަލިބް

ރަސްމާލެ ހިއްކުމަށް 700 މިލިއަން ޑޮލަރު ނުވަތަ 1،000 މިލިއަން ޑޮލަރު ޚަރަދުވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ސިޔާސީ ބޭނުމަށް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ވާހަކަތަކެއް ކަމަށް ހައުސިންގ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ވަޒީރުންގެ "އަހާ" ފޯރަމުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެ ފޯރަމުގައި މިނިސްޓަރު ވިދާޅުވީ، މުޅި ރަސްމާލޭގެ 1،009 ހެކްޓަރު ހިއްކުމަށް ދައުލަތުން ޚަރަދުވާނެ ކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށާއި، އޭގެ ތެރެއިން 500 ހެކްޓަރަށް ޚަރަދުވާނީ 160 މިލިއަން ޑޮލަރު ކަމަށެވެ.

ރަސްމާލެ ހިއްކަން ފެށި ދުވަސްވަރު، މި މަޝްރޫޢަށް 500 މިލިއަނާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުވާނެ ކަމަށް އަންދާޒާކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭރު އެ ހިސާބު ހެދީ ކުރީގެ ސަރުކާރުން ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމަށް ހިނގި ޚަރަދާއި، އެ ދުވަސްވަރުގެ މާކެޓް ރޭޓުތަކަށް ބަލައި، ގޮނޑުދޮށް ހިމާޔަތްކުރުން ވެސް ހިމަނައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް، ސަރުކާރުގެ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ވީހާވެސް ޚަރަދު ކުޑަކޮށް ބިން ހިއްކުމުގެ މަސައްކަތް ކުރުމުން، އެ ޚަރަދު ބޮޑުތަނުން ކުޑަކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 330 މިލިއަން ޑޮލަރުގެ ތެރެއިން ބޮޑު ބައެއް ދައްކާފައިވަނީ ދިވެހި ރުފިޔާއިންނެވެ. މިގޮތަށް ދިވެހި ފައިސާއިން ދެއްކުމުގެ މައިގަނޑު ބޭނުމަކީ ޑޮލަރު ލިބުމުގައި ދިމާވެފައިވާ ދަތިކަމަށް އިތުރު ނޭދެވޭ އަސަރެއް ނުކުރާނެހެން ކަންކަން ހަމަޖެއްސުމެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް މި އަހަރު ނިމެންވާއިރަށް ނިންމުމަކީ ސަރުކާރުގެ އަމާޒެވެ. ރަސްމާލޭގެ 500 ހެކްޓަރު ތަރައްޤީކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް