ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ފްލައި ދުބާއީ އެއާލައިނުން، މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް "ކާގޯ އިން ކެބިން" ދަތުރުތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އޭސް އޭވިއޭޝަން ސަރވިސްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފިރާގު ވިދާޅުވީ، މި މަހުގެ 29 އާ ހަމައަށް ކުރިއަށްގެންދާ މި ދަތުރުތަކުގައި މުދާ އުފުލާނީ މަތިންދާބޯޓުގެ ކެބިން ތެރޭގައި ކަމަށެވެ. ދުބާއީގެ އަލް މަޚުތޫމް އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ މި ދަތުރުތަކަކީ، ރާއްޖެއަށް ބޭނުންވާ މުދާ ގެނައުން އަވަސްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ސްރީލަންކާގެ ބަނދަރުގައި ތާށިވެފައި ހުރި މުދާ ކްލިއާކުރުމުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ. މިގޮތުން ލަންކާ ބަނދަރުގައި ހުރި 4,241 ކޮންޓެއިނަރުގެ ތެރެއިން، މިހާރު އެ އަދަދު 1,741 އަށް ދަށްކުރެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވައިގެ މަގުންނާއި ކަނޑު މަގުން ރާއްޖެއަށް މުދާ ގެނައުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފްލައި ދުބާއީގެ މި ޚާއްޞަ ދަތުރުތަކަކީވެސް ރާއްޖޭގެ ބާޒާރުގައި މުދާ ލިބުން ދަތިވިޔަ ނުދިނުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެކެވެ.





