މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 5,000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަން ފަށައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިޤު އިބްރާހިމް ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 704,511 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އޭޕްރިލް މަހުގެ ފުރަތަމަ 11 ދުވަހު އެކަނިވެސް 56,130 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ދުވާލަކަށް ބަލާއިރު އެވްރެޖްކޮށް 5,103 ފަތުރުވެރިން ކަމަށްވާތީ، މިއީ ސިނާއަތް ކުރިއަރަމުންދާ ކަމުގެ ވަރުގަދަ ހެކިތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ހަނގުރާމައިގެ ސަބަބުން ފްލައިޓްތައް ކެންސަލްވެ ކުރިމަތިވި ހީނަރުކަން ކުޑަކުރުމަށް ސަރުކާރުން އަންނަނީ އެއާލައިންތަކާ ގުޅިގެން "ޑޮލަރ ޓު ޑޮލަރ" މާކެޓިން ހަރަކާތްތައް ހިންގަމުންނެވެ. މި މަސައްކަތުގެ ދަށުން ވިޒިޓް މޯލްޑިވްސް މެދުވެރިކޮށް ބައެއް އެއާލައިންތަކާއެކު ޚާއްޞަ އެއްބަސްވުންތަކެއް އެކުލަވާލައި، އިޝްތިހާރު ކުރުމުގެ މަސައްކަތް ވަނީ ފުޅާކޮށްފައެވެ.
ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި އެއްވެސް ދަތިކަމެއް ނެތްކަމުގެ ޔަގީންކަން ދެއްވަމުން، ވަޒީރު ވިދާޅުވީ ދާއިރާގެ ވިޔަފާރިތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށްޓަކައި ސަރުކާރުން ހިފާފައިވާ ހަރުދަނާ އަމާޒެކެވެ.





