ސްރީލަންކާގެ ކޮލަމްބޯ ބަނދަރުގައި ރާއްޖެއަށް ނުގެނެވި ތާށިވެފައި ހުރި މުދާ ކޮންޓެއިނަރުތަކުގެ ތެރެއިން، ބާޒާރުން ހުސްވެދާނެ ކަމަށް ބެލެވޭ ޒަރޫރީ މުދާ ހިމެނޭ 80 ކޮންޓެއިނަރެއް އަވަސްކޮށްދިނުމަށް ސަރުކާރުން އެދިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ކޮލަމްބޯ ބަނދަރުގައި މިވަގުތު ރާއްޖެއަށް އަންނަންޖެހޭ 4,200 އަށް ވުރެ ގިނަ ކޮންޓެއިނަރު އެބަހުއްޓެވެ. މީގެ ތެރެއިން މާކެޓަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މުދާ ހުރި ކޮންޓެއިނަރުތައް ވަކިކޮށް، އެތަކެތި އަވަހަށް ގެނައުމަށް ލަންކާގެ ކަމާގުޅުންހުރި އިދާރާތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން އަވަސްކުރަން އުޅެނީ ސަންފްލާވާ ތެލާއި ކިރު ހިމެނޭ 80 ކޮންޓެއިނަރެކެވެ. ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި ބާޒާރުން އަދި މި މުދާ ހުސްނުވި ނަމަވެސް، އިސްލާހީ ފިޔަވަޅެއްގެ ގޮތުން މި މަސައްކަތް ކުރަނީ ދުރާލާ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ.
"މިއަދު ހެނދުނު ބާޒާރުން އެދިފައިވާ ދެ ބާވަތެއް އަވަސްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން. މިއީ 164 އަސާސީ ބާވަތުގެ ތެރޭގައި ހިމެނޭ ތަކެތި ކަމަށްވާތީ، މީގެ ޕްރަޔޯރިޓީ ވަރަށް ބޮޑު،" ވަޒީރު ވިދާޅުވި އެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި، ދުނިޔޭގެ ޝިޕިންގް ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އަސަރު ރާއްޖޭގެ އިގްތިސާދަށް ފޯރުނަނުދިނުމަށްޓަކައި، ކަމާގުޅުންހުރި ހުރިހާ ވުޒާރާތަކެއް ގުޅިގެން ޒަރޫރީ މުދާ ލިބޭނެ އިންތިޒާމުތައް ސަރުކާރުން ދަނީ ބަލަމުންނެވެ.





