ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއެކު، ބިދޭސީން ގެނައުމުގެ ކޯޓާ ފީއިން 30،000 އަށްވުރެ ގިނަ ވިޔަފާރިއަށް އިގްތިސާދީ ފައިދާ ލިބޭނެ ކަމަށް ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.
ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް މިމަހުގެ ފުރަތަމަ ދުވަހު ގެނައި އިސްލާހާއެކު، 20 ކޯޓާއަށް ވުރެ މަދުން ބިދޭސީން ގެންގުޅޭ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކާކަށް ނުޖެހޭނެ އެވެ. މި ބަދަލު މިއަދުން ފެށިގެން 'އެކްސްޕެޓް' ސިސްޓަމް މެދުވެރިކޮށް ތަންފީޒުވާން ފަށާނެ ކަމަށް އެ ވުޒާރާއިން ބުނެ އެވެ.
މީގެ ކުރިން ބިދޭސީއަކު ގެނައުމަށް ކޯޓާ ފީގެ ގޮތުގައި އަހަރަކު 2,000 ރުފިޔާ ދައްކަން ޖެހެ އެވެ. ނަމަވެސް މި ގެނެވުނު ބަދަލަކީ މިދިޔަ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.
ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުން
މި ލުއި ދިނުމުގައި އިންސާނީ ވަގުފާރިއަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން:
-
އެއް ހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއްގެ ދަށުން ހިންގާ އެކި ވިޔަފާރިތަކަށް މި ލުއި ތަކުރާރު ނުވާނެ އެވެ.
-
ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތުގެ 'ޔޫސާ ގައިޑްލައިން' އެކްސްޕެޓް ސިސްޓަމްގައި ވަނީ ޝާއިއުކޮށްފަ އެވެ.
ދާޚިލީ ވުޒާރާއިން ބުނި ގޮތުގައި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ މައްސަލަތަކަށް ނިޒާމީ ހައްލެއް ގެނެސް، ރާއްޖޭގެ އިގްތިސާދުގައި ކުދި ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބަދަލަކީ ވިޔަފާރިތަކުގެ ހިންގުމުގެ ހަރަދު ކުޑަކޮށް، މާލީ ގޮތުން ކުރިއެރުން ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.





