ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާ ދަނޑިވަޅެއްގައި، ރާއްޖޭގައި އަމިއްލަ ފަރާތަކުން ހިންގާ އެންމެ ބޮޑު އެއް ގޭސް ކުންފުނި ކަމަށްވާ ވިލާ ގޭހުން ވިއްކާ ކައްކާ ގޭހުގެ އަގުތައް ބޮޑުކުރަން ނިންމައިފި އެވެ.
އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލާއެކު، އާންމުކޮށް ގޭބިސީތަކުގައި ބޭނުންކުރާ 10 ކިލޯގެ ގޭސް ފުޅިއެއްގެ އަގު 200 ރުފިޔާ އިން 350 ރުފިޔާ އަށް އުފުލިގެންދާނެ އެވެ. މިއީ ގާތްގަނޑަކަށް 75 އިންސައްތައިގެ ބޮޑުވުމެކެވެ. މީގެ އިތުރުން 20 ކިލޯގެ ގޭސް ފުޅިއެއްގެ އަގު 44 އިންސައްތަ ބޮޑުވެ، ދެން ވިއްކާނީ 650 ރުފިޔާ އަށެވެ.
ވިލާ ހަކަތައިގެ އިސް އޮފިޝަލުން މި ނިންމުން ކަށަވަރުކޮށްދެއްވާފައިވާއިރު، މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ބައިނަލްއަގުވާމީ ބާޒާރުގައި ގޭހުގެ އަގަށް އައި ލޮޅުންތަކުގެ ސަބަބުން ގެންނަން ޖެހުނު ބަދަލެއް ކަމަށް އެ ކުންފުނިން ބުނެ އެވެ. ފެބްރުއަރީ މަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލެން ފަށާފައިވާއިރު، މީގެ ކުރިން ބައެއް ގައުމުތަކުން ވަނީ އެ ގައުމުތަކުގެ އަގުތަކަށް ބަދަލު ގެނެސްފަ އެވެ.
ވިލާ ގޭހުން އަގުތައް ބޮޑުކުރި ނަމަވެސް، ސަރުކާރުގެ މަސްލަހަތު އޮންނަ މޯލްޑިވް ގޭހުން އަދި އަގު ބޮޑުކުރަން ނިންމާފައެއް ނުވެ އެވެ. މި ބަދަލާއެކު އާންމު ދިރިއުޅުމުގެ ޚަރަދުތަކާއި ކާބޯތަކެތީގެ އަގުތަކަށް އިތުރު އަސަރެއް ކުރާނެ ކަމަށް ބެލެވޭއިރު، މިއީ ފަހަކަށް އައިސް ރާއްޖޭގައި ކައްކާ ގޭހުގެ އަގަށް ގެނައި އެންމެ ބޮޑު އެއް ބަދަލެވެ.




