އިންޑިއާގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން، އެ ގައުމުގެ މުހިންމު ހަތަރު ސިޓީއެއްގައި ބާއްވާ "ޓާޓާބައި މޯލްޑިވްސް ފޯ-ސިޓީ ރޯޑްޝޯ" ވިޒިޓް މޯލްޑިވްސްއިން ރަސްމީކޮށް އެންޑޯޒްކޮށްފިއެވެ.
އިންޑިއާގެ މަޝްހޫރު ޓުއާ އޮޕަރޭޓަރެއް ކަމަށްވާ "ޓާޓާބައި ޓުއާސް" އިން އިންތިޒާމުކުރާ މި ހަރަކާތަކީ އިންޑިއާގެ މާކެޓަށް އަމާޒުކޮށްގެން މިއަހަރު ބާއްވާ އެންމެ ބޮޑު އެއް މާކެޓިން ހަރަކާތެވެ. މި މަހުގެ 31 އިން އޭޕްރީލް 4 އަށް ކުރިއަށްދާ މި ރޯޑްޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅަނގު އިންޑިއާގެ އިގްތިސޯދީ ގޮތުން މުހިންމު ހަތަރު ސިޓީ ކަމަށްވާ އަހުމަދުއާބާދު، ވަޑޯދަރާ، ސޫރަތު އަދި ޕޫނޭގައެވެ.
މި ހަރަކާތުގައި ރާއްޖޭގެ 25 ލަގްޒަރީ ރިސޯޓަކުން ބައިވެރިވެ، އިންޑިއާގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާ ސީދާ ބައްދަލުކޮށް ވިޔަފާރީގެ މަޝްވަރާތައް ކުރިއަށްގެންދާނެއެވެ. ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި މި ރޯޑްޝޯގެ މައިގަނޑު ބޭނުމަކީ އިންޑިއާގެ މާކެޓުގައި ރާއްޖޭގެ ބްރޭންޑް ވަރުގަދަކޮށް، ލަގްޒަރީ، ވެލްނެސް އަދި ޑައިވިން ފަދަ ތަފާތު ތަޖުރިބާތައް އިސްތިހާރުކުރުމެވެ.
ޓާޓާބައި ޓުއާސްއަކީ ރާއްޖޭގެ 130 އަށް ވުރެ ގިނަ ރިސޯޓާއެކު ސީދާ އެއްބަސްވުންތައް އޮންނަ، އިންޑިއާއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވުމުގައި ހަރަކާތްތެރިވާ އެއް ކުންފުންޏެވެ. ވިޒިޓް މޯލްޑިވްސްއިން މި ކުންފުންޏަށް ދިން އެންޑޯޒްމަންޓަކީ، އިންޑިއާގެ މާކެޓުގައި އެ ކުންފުންޏަށް އޮތް އިތުބާރު ހާމަކޮށްދޭ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު އެއް މާކެޓެވެ. މިފަދަ ބޮޑެތި ރޯޑްޝޯތަކަކީ އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށާއި، ވިޔަފާރީގެ އާ ގުޅުންތައް އުފެއްދުމަށް ގެންގުޅޭ ދިގު މުއްދަތުގެ ސްޓްރެޓެޖީގެ މުހިންމު ބައެއް ކަމަށް ވެސް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.




