ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 62 އަހަރުގެ ފިރިހެން މީހާގެ ހާލު ސީރިއަސްވެ، ޓްރީ ޓޮޕް ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ހުޅުމާލޭ އުތުރުދާއިރާގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) މައުލޫމާތު ދެއްވި ގޮތުގައި، އެކްސިޑެންޓް ހިނގިއިރު ސައިކަލުގައި ތިބީ ޚާއްސަ އެހީއަށް ބޭނުންވާ 24 އަހަރުގެ ދަރިފުޅު ގޮވައިގެން ދިޔަ ދެބަފައިންނެވެ. އަދި އަނިޔާވި މީހާއަކީ ގިނަ ސްކޫލްތަކެއްގައި ދިވެހި މާއްދާ ކިޔަވައިދީފައިވާ އަދި މިހާރުވެސް ޓިއުޝަން ނަގައިދެމުން އަންނަ މުދައްރިސެކެވެ.
އެކްސިޑެންޓުގައި ސިކުނޑިއަށް ލޭއެޅިފައިވާ އިރު، އޮޕަރޭޝަނަށްފަހު ވެސް އޭނާގެ ހާލަތު ވަރަށް ސީރިއަސްވެ އުންމީދު ކެނޑިފައިވާ ކަމަށް އާއިލާއާ ހަވާލާދީ ޒާޔާ ވަނީ ވިދާޅުވެފައެވެ.




