މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.92 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން ދައްކައިފިއެވެ.
މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު 26.12 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު 6.9 އިންސައްތައިގެ ކުރިއެރުމެކެވެ. އާމްދަނީ އިތުރުވީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއާއި ހިލޭ އެހީގެ އިތުރުން މުދަލާއި ބިންބިމުން ލިބުނު އާމްދަނީ އިތުރުވުމުންނެވެ.
ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، ޖުމްލަ ޓެކްސް އާމްދަނީގެ ގޮތުގައި 21.73 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރޭގައި ޓީޖީއެސްޓީގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ، ޖީއެސްޓީގެ ގޮތުގައި 3.56 ބިލިއަން ރުފިޔާ، އަދި އިމްޕޯޓް ޑިއުޓީގެ ގޮތުގައި 2.21 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެއިތުރުން ހިލޭ އެހީގެ ގޮތުގައި 471.8 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ހަރަދުތައް ވަނީ 17.5 އިންސައްތަ އިތުރުވެ، 29.96 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދުގެ ގޮތުގައި 26.14 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މުވައްޒަފުންގެ މުސާރައަށް 4.75 ބިލިއަން ރުފިޔާ އަދި އެހީއާއި ސަބްސިޑީއަށް 8.54 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭހެން ކެޕިޓަލް ހަރަދުގެ ގޮތުގައި 3.82 ބިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.




