އީރާނާއެކު ކުރިއަށްދާ އަސްކަރީ ކުރިމަތިލުންތައް ދިގުދެމިގެންގޮސް، ހަނގުރާމަ ދެމެހެއްޓުމުގައި ދިމާވެދާނެ ބޮޑެތި ގޮންޖެހުންތަކާ މެދު އެމެރިކާގެ ދިފާއީ ވަޒީރު ပީޓް ހެގްސެތްއަށް އެމެރިކާގެ އިސް އަސްކަރީ ކޮމާންޑަރުން އިންޒާރު ދެއްވައިފި ކަމަށް އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ކޮމާންޑަރުން ވަނީ ހަނގުރާމަ ދިގުލައިގެންދާނަމަ އެމެރިކާގެ އަސްކަރީ ވަސީލަތްތަކާއި ހަތިޔާރުގެ ރިޒާވް މަދުވުމުގެ ނުރައްކާ އޮތް ކަމުގެ ކަންބޮޑުވުން ހާމަކުރައްވާފައެވެ.
މީގެ އިތުރުން، މެދުއިރުމަތީގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދެމުންދާ ރައްދު ހަމަލާތަކުގެ ސަބަބުން އެމެރިކާ ސިފައިންގެ ފުރާނައަށް އޮތް ނުރައްކާ ބޮޑުވެ، ހަނގުރާމަ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް އަސްކަރީ ގޮތުންނާއި ލޮޖިސްޓިކްސްގެ ގޮތުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ކޮމާންޑަރުން ވަނީ ފާހަގަކުރައްވާފައެވެ.
މި އިންޒާރުތައް އައިސްފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ހަމަލާތައް ވަރުގަދަވެ، ސަރަހައްދީ ބޮޑު ހަނގުރާމައަކަށް މުޅި މެދުއިރުމަތި ބަދަލުވެދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ދިފާއީ ވަޒީރު ހެގްސެތް އާއި އަސްކަރީ އިސް ވެރިންނާ ދެމެދު ކުރިއަށްދިޔަ ބައްދަލުވުންތަކުގައި، ހަނގުރާމައިގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެނައުމަށާއި ސިޔާސީ އަދި ދިޕްލޮމެޓިކް ހައްލުތަކަށް އިސްކަންދިނުމަށް ކޮމާންޑަރުން ބާރުއަޅުއްވާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.



