ގައުމީ ދަތުރުފަތުރުގެ ނިޒާމު، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން މިދިޔަ އަހަރު ޖުމްލަ 16.25 މިލިއަން ފަހަރު މީހުން ހިދުމަތް ހޯދާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެ ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު 12.13 މިލިއަން ފަހަރު ހިދުމަތް ހޯދާފައިވާއިރު، ފާއިތުވި ތިން އަހަރުގެ ތެރޭގައި ހިދުމަތް ހޯދި މިންވަރު ވަނީ 34 އިންސައްތަ އިތުރުވެފައެވެ. އަދި ހިދުމަތް ހޯދި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު، އާރްޓީއެލްއަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 150 މިލިއަން ރުފިޔާއަށް އަރާފައެވެ.

މިދިޔަ އަހަރު އާރުޓީއެލް ފެރީގެ ނިޒާމުން އެކަނިވެސް 477,215 ފަސިންޖަރުން ދަތުރުކޮށްފައިވެއެވެ. ފެރީގެ ހިދުމަތުގައި އެންމެ ގިނައިން މީހުން ދަތުރުކުރީ ޒޯން 1 (ހއ، ހދ، އަދި ށ. އަތޮޅު) އިންނެވެ. އެއީ 245,274 ފަސިންޖަރުންނެވެ. ދެން އެންމެ ގިނައިން ދަތުރުކުރީ ޒޯން 5 (ގއ. އަދި ގދ. އަތޮޅު) އިން 110,130 ފަސިންޖަރުންނެވެ.

މީގެ އިތުރުން ޒޯން 2 އިން 81,161 ފަސިންޖަރުން އަދި ޒޯން 6 އިން 34,877 ފަސިންޖަރުން ވަނީ ހިދުމަތް ހޯދާފައެވެ. މާލެ ސަރަހައްދުގެ އާރުޓީއެލް ބަހުގެ ހިދުމަތަށް ބަލާއިރު، އަހަރުގެ ތެރޭގައި 8.27 މިލިއަން ފަހަރު މީހުން ވަނީ ބަހުގެ ހިދުމަތް ހޯދާފައެވެ. އެމްޓީސީސީން ރާއްޖޭގެ ރަށްތައް ހައި-ސްޕީޑް ފެރީން ގުޅާލުމަށް ދެމުންދާ މި ޒަމާނީ ހިދުމަތް މިހާރު އަންނަނީ 12 އަތޮޅަކަށް ފޯރުކޮށްދެމުންނެވެ.



