ރާއްޖެއިން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންސީތަކުން ދޭ ޚިދުމަތްތަކުން މުދަލާއި ޚިދުމަތުގެ ޓެކްސް ނުވަތަ ޖީއެސްޓީ ނެގުމަށްޓަކައި ޤާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލު ފާސްކުރުމާއެކު، ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްތައް ބޭރުގެ މެދުވެރިން މެދުވެރިކޮށް ބުކްކުރާ މިންވަރުން ދައުލަތަށް ލިބޭ ޓެކްސްގެ އާމްދަނީ އިތުރުވެގެންދާނެ މަގު ވަނީ ތަނަވަސްވެފައެވެ.
މި އިސްލާހަކީ ޑެސްޓިނޭޝަން ޕްރިންސިޕަލް ފުރިހަމައަށް ތަންފީޒު ކުރުމުގެ ގޮތުން ސަރުކާރުން ހުށަހެޅި މުހިންމު ބަދަލެކެވެ. މީގެ ކުރިން ބޭރުގެ ބައެއް ބުކިން ޕްލެޓްފޯމުތަކާއި ޓުއާ އޮޕަރޭޓަރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްތައް ވިއްކައިގެން ހޯދާ ކޮމިޝަނާއި ފައިދާއިން ދިވެހި ދައުލަތަށް އެދެވޭ ގޮތެއްގައި ޓެކްސް ނުލިބޭ މައްސަލަ ވަނީ ބޮޑުވެފައެވެ. އާ ބަދަލާއެކު އެފަދަ ހުރިހާ މުއާމަލާތްތަކަކުންވެސް ކަނޑައެޅިފައިވާ އުސޫލުން ޓެކްސް ނަގަމުންދާނެއެވެ.
މި ބިލު ފާސްވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި، ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ޖީއެސްޓީ ނެގި ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެކަމުގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެއެވެ. މީގެ ކުރިންވެސް ފަތުރުވެރިކަމާ ގުޅުންހުރި އެކި ޓެކްސްތަކަށް ބަދަލު ގެނެވުނު ނަމަވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދަށް ބަދަލެއް އައިސްފައި ނުވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
އާ ގާނޫނީ އޮނިގަނޑުގެ ދަށުން ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވެލް އެޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޓެކްސް ނެގުމުގެ އިންތިޒާމުތައް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ބަލަހައްޓަމުންދާނެއެވެ. މި ބަދަލުގެ ސަބަބުން ފަތުރުވެރިޔާ ކުރަންޖެހޭ ހޭދަ ކޮންމެވެސް ވަރަކަށް ބޮޑުވި ނަމަވެސް، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވާދަވެރިކަމަށް ބުރޫނާރާނެ ކަމަށް މާލީ ދާއިރާގެ މާހިރުން ގަބޫލުކުރެއެވެ.
މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކޮށް، ގެންނަންޖެހޭ މުހިންމު އިސްލާހުތައް ގެނައުމަށްފަހުގައެވެ. ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން މި ބިލަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ ހަރުދަނާ ގޮތެއްގައި ދައުލަތަށް ހޯދުމަށް މަގުފަހިވެގެންދާނެ މުހިންމު ގާނޫނެކެވެ.



