ގދ. ތިނަދޫއިން މީހުން ބާލުވައި އެ ރަށް އެއްކޮށް ފަޅުކޮށްލުމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ލިބުނު ބޮޑު އަނިޔާއާއި ގެއްލުންތަކަށް މިއަދާ ހަމައަށް ވެސް އިންސާފު ލިބިފައި ނުވާ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދާޅުވެފައިވަނީ ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ހާދިސާއަކީ ދިވެހި ތާރީހުގައި ހިނގާދިޔަ އެންމެ އަނިޔާވެރި އެއް ޖަރީމާކަން ފާހަގަކުރައްވައި ސައުދު ވިދާޅުވީ، ތިނަދޫ ރައްޔިތުންނާ މެދު ދައުލަތުން ހިންގި އެ ލާނުސާނީ އަމަލަށް އިންސާފު ހޯދައިދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން، އެ ހާދިސާގައި އަނިޔާ ލިބުނު އާއިލާތަކަށާއި މުޅި ތިނަދޫގެ ރައްޔިތުންނަށް ހައްގު ބަދަލާއި އިންސާފު ހޯދައިދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް މޭޔަރު ވަނީ ދެއްވާފައެވެ.
ތާރީހީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ދެކުނުގެ ބާޣީ ސަރުކާރު ނުވަތަ ޔުނައިޓެޑް ސުވާދީވް ރިޕަބްލިކްގެ ހަރަކާތްތައް ހުއްޓުވުމަށް އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު އިސްވެ ހުންނަވައި، 1962 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ތިނަދޫގެ ރައްޔިތުން ގަދަކަމުން ރަށުން ބާލައި، މުޅި ރަށް ވަނީ އަންދައި އަޅިއަށް ހަދާލާފައެވެ. އެ ހާދިސާގައި ރަށުގެ ގިނަ އަދަދެއްގެ ގެދޮރާއި މުދާ ސުންނާފަތިކޮށްލިއިރު، ރަށުން ފޭބި ގިނަ ބަޔަކު ކާބޯތަކެއްޗާއި ބޯފެނަށް ޖެހި، ބަލިމަޑުކަމުގައި އެހެން ރަށްރަށުގައި މަރުވެދިޔަކަން ތާރީހުން ސާބިތުވެއެވެ.
އެ ބިރުވެރި އަދި ހިތާމަވެރި ހާދިސާއަށް ފަހު، ތިނަދޫގެ ރައްޔިތުންނަށް އެނބުރި ރަށަށް އެރުމުގެ ހުއްދަ ސަރުކާރުން ދިނީ އޭގެ ހަތަރު އަހަރު ފަހުން، 1966 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. އެހެންކަމުން، ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 22 ވަނަ ދުވަހަކީ ތިނަދޫ ރައްޔިތުން ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކުރާ، އަލުން އާބާދުވި ދުވަހެވެ. މިއަހަރު ފާހަގަކުރަމުން މިދަނީ އެ ރަށުގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރު ފުރުމުގެ ރަންޔޫބީލް މުނާސަބަތެވެ.
މޭޔަރު ސައުދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ތިނަދޫގެ ރައްޔިތުންނަށް ލިބުނު އަނިޔާތަކުގެ މައްސަލަ އިންތިގާލީ އިންސާފުގެ އޮފީހަށް ވެސް މީގެ ކުރިން ހުށަހަޅާފައިވެއެވެ. ނަމަވެސް، އެކަށީގެންވާ ގޮތެއްގައި އެ މައްސަލަ ބަލައި، ރައްޔިތުން އެދޭ ފަދަ އިންސާފެއް އަދިވެސް ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން މުޅި ރަށުގައި އެބައޮތެވެ. ދައުލަތުގެ ފަރާތުން ރަސްމީކޮށް މާފަށް އެދުމާއި، ލިބުނު މާއްދީ އަދި މައުނަވީ ގެއްލުމުގެ ބަދަލު ހޯދުމަކީ ތިނަދޫ ރައްޔިތުންގެ މިއަދުގެ ވެސް އެންމެ ބޮޑު އެދުމެވެ.
ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އެ ރަށުގައި ތަފާތު ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ. މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުއްލާ ޔާމީން އަބްދުލްގައްޔޫމް ވެސް މިހާރު ތިބީ ތިނަދޫގައެވެ. މި ހަރަކާތްތަކުގެ ތެރެއިން ރަށުގެ ދިފާއީ ރޫހާއި، އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ދެއްކި ހިތްވަރު އަންނާނެ ޖީލުތަކަށް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ.




