ދިވެހިރާއްޖޭގެ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ގދ. ތިނަދޫ ސިޓީއަށް ވަޑައިގެންފިއެވެ. މި ދެ ބޭފުޅުން އެ ސިޓީއަށް ވަޑައިގަތީ ތިނަދޫ އަލުން އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.
މި ދެ ބޭފުޅުން ތިނަދޫ ސިޓީއަށް ވަޑައިގަތުމުން ބަނދަރު ސަރަހައްދުން ވަރަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ. އެގޮތުން ތިނަދޫ ސިޓީގެ މޭޔަރު ސައުދު ޢަލީއާއި ކައުންސިލް މެންބަރުންގެ އިތުރުން އެ ސިޓީގެ ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން ބަނދަރު ސަރަހައްދަށް އެއްވެ، ދެ ރައީސުންނަށް މަރުހަބާ ދެންނެވިއެވެ.
ތިނަދޫ "އާބާދީ 60" ގެ މުނާސަބަތާ ގުޅުވައިގެން އެ ސިޓީގައި މިއަދު ހެނދުނު ބޭއްވި ބޮޑުދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީވެސް ރައީސް ނަޝީދާއި ރައީސް ޔާމީނެވެ. މި ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ މެންބަރުންނާއި، އެކި މުއައްސަސާތަކުގެ ވެރިންނާއި، ސްކޫލް ކުދިންގެ އިތުރުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.
ތިނަދޫގައި ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅެމުން ދަނިކޮށް، 1962 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެ ރަށުން މީހުން ބާލައި، ރަށް ފަޅުކޮށްލިއެވެ. އެ ހިތާމަވެރި ހާދިސާއަށްފަހު، ތިނަދޫގައި އަލުން މީހުން އާބާދުވާން ފެށީ 1966 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ.



