އާމްދަނީން ޓެކްސް ނެގުމުގެ ގަވާއިދަށް މުހިންމު ބަދަލުތަކެއް ހިމެނޭ ގޮތަށް ހަވަނަ އިސްލާހު ގެނެސް، އެ އިސްލާހުތައް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ރަސްމީކޮށް ޝާއިޢުކޮށްފިއެވެ. މި ގެނެވުނު ބަދަލުތަކުގެ ތެރޭގައި ރާއްޖޭގެ ޓެކްސް ނިޒާމާއި، ބޭރު ފައިސާއިން ހިސާބު ބެލެހެއްޓުމުގެ މިންގަނޑުތަކުގެ އިތުރުން، މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އަދި ކުންފުނިތަކާއި ޕާޓްނާޝިޕްތައް އުވާލުމާ ގުޅޭ މުހިންމު އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.
އަލަށް ގެނެވުނު އިސްލާހުތަކުގެ ދަށުން، އެއް ފަރާތަށްވުރެ ގިނަ ފަރާތަކުން އުޖޫރަ ލިބޭ މީހެއްނަމަ، އަދި އުޖޫރަދޭ އެއްވެސް ފަރާތަކުން އެމީހާ ރަޖިސްޓްރީކޮށްފައި ނުވާނަމަ، އެމީހަކު އަމިއްލައަށް މީރާގައި ރަޖިސްޓްރީވުން މިހާރު ވަނީ ލާޒިމުކޮށްފައެވެ. މީގެ އިތުރުން، 12 މަސްދުވަހުގެ ތެރޭގައި އެވްރެޖްކޮށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 60,000 ރުފިޔާ ނުވަތަ އެއަށްވުރެ އިތުރަށް ލިބޭ ފަރާތްތަކުން ވެސް މީރާގައި ރަޖިސްޓްރީވުން މި އިސްލާހުގެ ދަށުން މަޖުބޫރުވެގެންދެއެވެ.
މި އިސްލާހުގައި ޕާޓްނާޝިޕްތައް އުވާލުމުގެ މަސައްކަތް ފަށާތާ 30 ދުވަހުގެ ތެރޭގައި އެކަން މީރާއަށް އަންގަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ހަމައެއާއެކު، މީހުން ދިރިނޫޅޭ ރަށްރަށުގައި ފޯރުކޮށްދޭ އެކޮމޮޑޭޝަނާއި ކަނޑު އުޅަނދުފަހަރުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ އުޅަނދުން ފޯރުކޮށްދޭ އެކޮމޮޑޭޝަން، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި މުވައްޒަފުގެ އުޖޫރައިގެ ބައެއްގެ ގޮތުގައި ހިމަނަން ނުޖެހޭގޮތަށް ވެސް މި އިސްލާހުގައި ވަނީ ކަނޑައަޅާފައެވެ.
މީރާއިން ހާމަކުރި ގޮތުގައި، މި ބަދަލުތަކާއެކު އެކްރޫއަލް ބޭސިސްއަށް ހިސާބުތައް ތައްޔާރުކުރުމާއި އޮޑިޓަރުގެ ރިޕޯޓް ހުށަހެޅުމަށް ބަލަންޖެހޭ ކަންތައްތަކަށް ވެސް މުހިންމު ބަދަލުތަކެއް އަންނާނެއެވެ. މި އިސްލާހުތަކަށް އަމަލުކުރަން ފެށުމުން ޓެކްސް ދައްކާ ފަރާތްތަކުން ހިސާބުތައް ބެލެހެއްޓުމުގައްޔާއި ބަޔާންތައް ހުށަހެޅުމުގައި އާ އުސޫލުތަކަށް ސަމާލުކަން ދޭންޖެހޭނެއެވެ.
ޚުލާސާ:




