ރާއްޖެއަށް ބޭނުންވާ ވެކްސިނާއި އަސާސީ ބޭސްތައް އިތުބާރާއެކު ފޯރުކޮށްދިނުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން، ސަރުކާރުގެ ބޭސް ކުންފުނި ސްޓޭޓް ފާމާއިން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓާއެކު މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ބިޒްނަސް، ސަންދީޕް މުލޭ ރާއްޖެއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އަދި އދ. ގެ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އެއް ކުންފުނި ކަމަށްވާ ސީރަމް އިންސްޓިޓިއުޓާއެކު ކުރެވުނު މި މަޝްވަރާތަކުގައި، ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު ހަރުދަނާކުރުމާއި، ކުރިމަގުގައި ހިންގާ އާންމު ސިއްހަތުގެ ޕްރޮގްރާމްތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނެވެ.
ރާއްޖެއަށް ބޭސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދި ސްޓޭޓް ފާމާއިން ދަނީ ބައިނަލްއަގުވާމީ މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކާއެކު ގުޅުން ބަދަހިކުރަމުންނެވެ. އެގޮތުން، އެޗްޕީއެލް ކުންފުންޏާއެކު ޑިސްޓްރިބިއުޝަން އެގްރީމަންޓެއްގައި ސޮއިކުރުމުގެ އިތުރުން، ވިލާތުގެ އަސްޓްރާޒެނެކާ ކުންފުންޏާއި އިންޑިއާ އެމްބަސީއާއެކުވެސް ވަނީ މަޝްވަރާތައް ބާއްވައިފައެވެ. މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހާއި ވެކްސިން، މެދުކެނޑުމެއްނެތި ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.




