މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވު ހުރީ 638.03 މިލިޔަން އެމެރިކާ ޑޮލަރުގައެވެ.
މިއީ ޖޫން މަހު ރިޒާވުގައި ހުރި 686.83 މިލިޔަން ޑޮލަރާ އަޅާބަލާއިރު 48.8 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއީ 136.47 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. މީގެއިތުރުން، ބޭނުންކުރެވޭ ރިޒާވްވެސް ވަނީ ޖޫން މަހު ހުރި 248.9 މިލިޔަން ޑޮލަރުން 221.8 މިލިޔަން ޑޮލަރަށް (27.1 މިލިޔަން ޑޮލަރު) ދަށްވެފައެވެ.
މާރިޗު މަހު ރިޒާވު 1.3 ބިލިޔަން ޑޮލަރުގައި ހުރުމަށްފަހު ދަށްވި މައިގަނޑު ސަބަބަކީ އޭޕްރީލް މަހު ބޮޑެތި ދަރަނިތަކެއް އަދާކުރުމެވެ. އެގޮތުން، 524.68 މިލިޔަން ޑޮލަރުގެ ސުކޫކާއި އިންޑިއާގެ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކައި ހަލާސްކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ރިޒާވް ބޭނުންކޮށްގެންނެވެ.
މީގެއިތުރުން، ޖުލައި މަހު ދަތުރުފަތުރާއި ބޭސްފަރުވާއާއި އުމްރާގެ ދަތުރުތަކަށް އެމްއެމްއޭއިން ވިއްކި ޑޮލަރު %172 އަށް އިތުރުވުމާއި، ވިޔަފާރިތަކުގެ އިމްޕޯޓް ޓީޓީއާއި އެލްސީއަށް ދޫކުރާ ޑޮލަރު %51 އިތުރުކުރުމާ ގުޅިގެން ޖުލައި މަހު އެމްއެމްއޭއަށް ބޭރު ފައިސާ ލިބުނު މިންވަރަށްވުރެ ވިއްކި މިންވަރު ވަނީ އިތުރުވެފައެވެ.




