މާލޭ ވިޔަފާރި ބަނދަރަށް އެތެރެކުރުމަށްފަހު ވެރިން ނުގެންގޮސް ގިނަދުވަސްތަކެއް ވަންދެން ބެހެއްޓިފައިވާ މުދާތަކެއް އޮންލައިންކޮށް ނީލަން މާކެޓުގައި ވިއްކާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ނިންމައިފައެވެ.
މި ނީލަން ކިއުން ކުރިއަށްދާނީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އިން ފެށިގެން 26 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށެވެ. މި ނީލަމުގައި ބައިވެރިވެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލް ގައި ރަޖިސްޓްރީވެ، ސަބްސްކްރައިބްކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ނީލަމުގައި ބައިވެރިވުމުގެ ކުރިން މުދާ ބަލައިލަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 16:30 ގައި އެ ފުރުސަތު ހުޅުވާލާއިރު، އެ ދުވަހުގެ މެންދުރުފަހު 15:30 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ނަން ނޯޓުކުރަންޖެހެއެވެ. އަދި ޕޯޓު ސަރަހައްދަށް މުދާ ބެލުމަށް ވަދެވޭނީ ސޭފްޓީ މިންގަނޑުތަކާ އެއްގޮތަށް ބޫޓަށް އަރައިގެންނެވެ.
މި ނީލަން ކުރިއަށްދާނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު 17 ގައި ގެޒެޓްކޮށްފައިވާ އެމްޕީއެލްގެ މުދާ ނީލަންކިޔުމުގެ ގަވާއިދުގެ ދަށުންނެވެ. ނީލަމުގައި އަގު ހުށަހެޅުމުގެ ނިޒާމު ރޭވިފައިވަނީ އެންމެ ފަހުން އަގެއް ހުށަހަޅާތާ 5 މިނެޓު ތެރޭގައި އިތުރު އަގެއް ނުލިބިއްޖެނަމަ ނީލަން ބަންދުވާ ގޮތަށެވެ. އަދި އެ 5 މިނެޓުގެ ތެރޭގައި އެހެން ފަރާތަކުން އަގެއް ހުށަހަޅައިފިނަމަ، އިތުރު 5 މިނެޓުގެ ވަގުތެއް ގުނަން ފަށާނެއެވެ.
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން މުދާ ގެންދިއުމަށްޓަކައި 10 ދުވަހުގެ ފްރީ ސްޓޯރޭޖް މުއްދަތެއް ލިބޭނެއެވެ. ނަމަވެސް ސްކްރެޕްގެ ގޮތުގައި ނަގާ މުދާ ކްލިއަރ ކުރެވޭނީ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށް ކަމަށާއި، މުދާ ދޫކުރުމަށް ބޭނުންވާ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަތައް (މިސާލަކަށް: އެމްއެންޑީއެފްގެ ކެމިކަލް ޕާމިޓް، ޓްރާންސްޕޯޓް އޮތޯރިޓީގެ ވެހިކަލް ޕާމިޓް އަދި އެގްރިކަލްޗަރ މިނިސްޓްރީގެ ހުއްދަ) ހޯދުމަކީ ނީލަން ކާމިޔާބުކުރި ފަރާތުގެ ޒިންމާއެކެވެ. މީގެއިތުރުން، މި ނީލަމުގައި ނުވިކި ބާކީވާ މުދާ ދެވަނަ ފަހަރަށް ނީލަންކިޔުމަށް އިއުލާންކުރާނީވެސް އެމްޕީއެލްގެ އޮކްޝަން ޕޯޓަލްގައެވެ.



