ންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމާއި މުޖުތަމައުގެ ސިއްހަތު ރައްކާތެރިކުރުމަށް ބާރުއަޅައި ހަރަކާތްތައް ހިންގާ ޖަމިއްޔާތަކަށް އަހަރަކު ތިން މިލިއަން ރުފިޔާގެ މާލީ އެހީ ދޫކުރުމުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ އާންމުކޮށްފައެވެ.
މި އެހީ ދިނުމަށް ތިން ގިންތިއެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރޭގައި ވަކި ރަށަކަށް ނުވަތަ މުޖުތަމައަކަށް އަމާޒުކުރާ ހަރަކާތްތަކަށް 75،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދެއް، މުޅި ރާއްޖެއަށް ފައިދާކުރާ މަސައްކަތްތަކަށް 100،000 އާއި 300،000 ރުފިޔާއާ ދެމެދުގެ އަދަދެއް، އަދި އެއް ސަރަހައްދަށްވުރެ ގިނަ ސަރަހައްދުތަކުގައި އަމަލީ މަސައްކަތް ކުރުމަށް 300،000 އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރުން ހިމެނެއެވެ. އަދި ކޮންމެ ހުށަހެޅުމެއްގެ އިދާރީ ޚަރަދުގެ ގޮތުގައި ހިމެނޭނީ އެންމެ މަތިންވެސް ހުށަހަޅާ އަދަދުގެ 20 އިންސައްތައެވެ.
މި މާލީ އެހީއަށް އެދޭ ޖަމިއްޔާތަކަކީ މަދުވެގެން 12 މަސްދުވަސް ވަންދެން ހިންގަމުންދާ، އަދި ދުންފަތުގެ ވިޔަފާރިޔާ އެއްވެސް ގުޅުމެއް ނެތް ފަރާތްތަކަކަށް ވާންޖެހެއެވެ. ހުށަހަޅާ ޕްރޮޕޯޒަލްތައް އިންސާފުކުރާނީ ހެލްތު މިނިސްޓަރު އެކުލަވާލައްވާ 7 މެންބަރުންގެ އެވޯޑިން ކޮމިޓީއަކުންނެވެ. މި ކޮމިޓީގައި ހެލްތު މިނިސްޓްރީ، އެޗްޕީއޭ، ޔޫތު އެޑްވައިޒަރީ ބޯޑު، އެލްޖީއޭ، ހޯމް މިނިސްޓްރީ އަދި ޕަބްލިކް ހެލްތު ފަންޑު ކޮމިޓީގެ ކަމާބޭހޭ އޮފިޝަލުން ހިމެނޭނެއެވެ.
މި އުސޫލު އާންމުކޮށްފައިވަނީ ދުންފަތާ ދެކޮޅަށް ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ރާއްޖޭގައި ވޭޕް މަނާކުރުމާއި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމުގެ އިތުރުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ބޭނުންކުރުން މަނާކުރާ "ޖެނެރޭޝަނަލް ބޭން" ތަންފީޒުކުރުން ހިމެނެއެވެ.




