މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 55 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި މެސެޖެއްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވަނީ އެ މުއައްސަސާގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މުހިންމު މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން، މި ދައުރުގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދީ، ހެލްތު ސްކީމުގެ ދަށުން އިތުރު ފުރުޞަތުތަކެއް ފަހިކޮށްދީފައިވާކަން ޒަރީރު ފާހަގަކުރެއްވިއެވެ. އަދި ކަރެކްޝަންސްގެ އޮފިސަރުންނަކީ ފަރުދާގެ ފުރަގަހުގައި ތިއްބަވައިގެން ޤައުމީ މުހިންމު ވާޖިބެއް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާ ބައެއް ކަމަށް ވިދާޅުވެ އެ ބޭފުޅުންގެ މަސައްކަތަށް ޒަރީރު ވަނީ ތަޢުރީފު ކުރައްވައިފައެވެ.
ޙަސަން ޒަރީރު ވިދާޅުވި ގޮތުގައި، މިއަހަރަކީ ކަރެކްޝަންސްގެ ހިންގުން ހަރުދަނާކުރުމަށާއި ގައިދީންނަށް ދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް އެންމެ މުހިންމު މަސައްކަތްތަކެއް ކުރެވުނު އަހަރެވެ. އެގޮތުން ޖަލުތަކުގައި ބޮޑީ ސްކޭން އަދި ބެގޭޖް ސްކޭން މެޝިންތައް ބެހެއްޓުމުގެ ސަބަބުން ސެކިއުރިޓީ ބެލެހެއްޓުމުގައި ކުރިން އުފުލި ބުރައަށް ބޮޑު ތަސައްލީއެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައިދީންނާއި ހުކުމެއް ނެތި "ވާނުވާ" ގައި ތިބި މީހުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ އިތުރުން، ގައިދީން ރިހެބިލިޓޭޓްކޮށް މުޖުތަމަޢަށް އަލުން ނެރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ފާހަގަކުރެއްވިއެވެ.



