ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ގިނައިން ވާރޭވެހުނު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާގެ ރެކޯޑުތަކުން ދައްކަނީ ފ. ނިލަންދޫއަށެވެ. އެއީ 34.8 މިލިމީޓަރުގެ ވާރޭއެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނީ ފ. ބިލެއްދޫއަށް (30.2 މިލިމީޓަރު) ކަމަށްވާއިރު، ތިންވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ މާލެއަށެވެ (22.3 މިލިމީޓަރު). އަދި އެންމެ މަދުން ވާރޭވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ ގދ. ފަރެސްމާތޮޑާއަށެވެ. އެއީ 0.2 މިލިމީޓަރުގެ ވާރޭއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެއެވެ. ދެކުނު އަތޮޅުތަކުގައި ރާޅުގެ އުސްމިން 2 ފޫޓާއި 4 ފޫޓާ ދެމެދުގައި އުޅޭއިރު، އުތުރާއި މެދުރާއްޖެތެރޭގައި ރާޅު އުސްވާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވައިފައެވެ.



