އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލާ صلى الله عليه وسلم ސުންނަތް ކަމަށާއި، ކީރިތި ޤުރްއާނާ އެކު ސުންނަތުގައި ސާބިތުވެ ތިބުމަކީ މަގުއޮޅުމުން ސަލާމަތްވުމަށް އޮތް އެންމެ ބޮޑު މަގު ކަމުގައި ހުކުރު ޚުޠުބާގައި ހަނދާންކޮށްދީފިއެވެ.
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި އިސްލާމްދީނުގެ ޙުކުމްތަކާއި އަޚްލާޤީ މިންގަނޑުތައް ފުރިހަމައަށް ދެނެގަނެވޭނީ ކީރިތި ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް އިޢުތިބާރުކޮށްގެންނެވެ. އަދި ކީރިތި ޤުރްއާނުގެ އާޔަތްތައް ތަފްޞީލުކޮށް ބަޔާންކޮށްދެއްވީ ރަސޫލާގެ ޙަދީޘްފުޅުތަކާއި ޢަމަލުފުޅުތަކުން ކަމަށް ބަޔާންކުރެއްވިއެވެ.
ސުންނަތުގައި ހިފެހެއްޓުމުގެ މުޙިންމުކަން ބަޔާންކުރައްވަމުން ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަންނަނިވި ޙަދީޘްފުޅު ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ.
تَرَكْتُ فِيكُمْ أَمْرَيْنِ لَنْ تَضِلُّوا مَا تَمَسَّكْتُمْ بِهِمَا كِتَابَ اللَّهِ وَسُنَّةَ نَبِيِّهِ
މާނައީ: "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ތެރެއަށް ދެއެއްޗެއް ދޫކުރެއްވީމެވެ. އެ ދެއެއްޗެއްގައި ތިޔަބައިމީހުން ހިފަހައްޓައިފި ނަމަ، ދެން އެއްގޮތަކަށްވެސް މަގުއޮޅިގެން ނުދާނެއެވެ. އެއީ اللَّه ގެ ފޮތާއި، އެކަލޭގެފާނުގެ ނަބިއްޔާގެ ސުންނަތެވެ."
އަދި ކީރިތި ރަސޫލާއަށް ކިޔަމަންގަތުމާއި ސުންނަތަށް ތަބާވުމުގެ އުފާވެރިޚަބަރު ބަޔާންކުރައްވައި ވާރިދުވެފައިވާ އެހެން ޙަދީޘްފުޅެއްގައިވެއެވެ:
كُلُّ أُمَّتِي يَدْخُلُونَ الجَنَّةَ إِلَّا مَنْ أَبَى، قِيلَ: يَا رَسُولَ اللَّهِ وَمَنْ يَأْبَى؟ قَالَ: مَنْ أَطَاعَنِي دَخَلَ الجَنَّةَ، وَمَنْ عَصَانِي فَقَدْ أَبَى
މާނައީ: "ތިމަންކަލޭގެފާނުގެ އުންމަތުގެ އެންމެން ސުވަރުގެ ވަންނާނެތެވެ. އެކަމަށް އިންކާރުކުރި މީހަކު މެނުވީއެވެ. ދެން ދެންނެވުނެވެ: އޭ اللَّه ގެ ރަސޫލާއެވެ! އެކަމަށް އިންކާރުކުރަނީ ކާކުތޯއެވެ؟ ޙަދީޘްކުރެއްވިއެވެ: ތިމަންކަލޭގެފާނަށް ކިޔަމަންވި މީހާ ސުވަރުގެ ވަދެއްޖެއެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންތެރިވެއްޖެ (އުރެދުނު) މީހާ އެވަނީ (ސުވަރުގެ ވަނުމަށް) އިންކާރުކޮށްފައެވެ."
ޚުޠުބާ ނިންމާލައްވަމުން ގޮވާލައްވާފައިވަނީ ސުންނަތާ ޚިލާފު ބިދޭޢަތަކުން ދުރުހެލިވެ، ކީރިތި ރަސޫލާ صلى الله عليه وسلم ގެ މަގުން ތަބާވެ، ދީނީ ޙުކުމްތަކަށް ފުރިހަމައަށް އަމަލުކުރުމަށެވެ.




