އަރިއަތޮޅު އުތުރުބުރީ އުކުޅަހުގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ސަރުކާރުން އިމާރާތްކުރާ މަލްޓި-ޕާޕަސް ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުންދެއްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އުކުޅަހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ކުޅިވަރާއި ހެށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިއުއެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. މީގެ އިތުރުން އުކުޅަސް ކައުންސިލުގެ ރައީސް ޢަލީ ވަހީދުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އަދި ސަރުކާރުގެ ވަޒީރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ބިނާކުރުމަށް ކުޅިވަރާ ބެހޭ ވުޒާރާއާއި އެމްއޭސީއެލްއާ ދެމެދު ވެވިފައިވާ އިސްތިރާޖީ އެއްބަސްވުމުގެ ދަށުން ކުރިއަށްދާ މުހިންމު މަސައްކަތެކެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވިފައިވާ މި ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި، އަންހެނުން ކަސްރަތުކުރުމަށް ޚާއްޞަ ރޫމެއްގެ އިތުރުން، އިންޑޯ ބޯޑް ގޭމްތައް ކުޅެވޭނެ ހޯލަކާއި އިޖުތިމާއީ ބައްދަލުވުންތަކަށް ޚާއްޞަ މީޓިން ރޫމެއް ހިމެނެއެވެ.
މިއީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅު ފުއްދެވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުންދާ މި މަސައްކަތުގެ ތެރެއިން، ރައީސް އުކުޅަހަށް ކުރެއްވި މި ދަތުރުފުޅުގައި އެރަށުގެ ވޮލީ ކޯޓުވެސް ވަނީ ރަސްމީކޮށް ހުޅުވައިދެއްވާފައެވެ.




